English Edition
Dhivehi Edition
ފޮޓޯ: މާޒިޔާ ސްޕޯޓްސް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސްވަނަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކޮށްފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 0-1 ގެ ނަތިޖާއިންނެވެ. މިއަދުގެ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މާޒިޔާ އަށް ކާމިޔާބު ކުރެވުނު ލަނޑަކީ މެޗުގެ 46 ވަނަ މިނިޓްގައި އީގަލްސްގެ ރިލްވާން ވަހީދު (ރިލޭ)، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށް ފައުލް ކުރުމުން ދިން ޕެނެލްޓީއަކުން ކާމިޔާބު ކުރެވުނު ލަނޑެކެވެ.

މިއަހަރުގެ ލީގާ އެކު އެންމެ ފަހުން ކުޅުނު ތިން ސީޒަންގެ ޗެމްޕިއަންކަންވެސް މާޒިޔާއިން ހޯދާފައިވާއިރު، މިއީ މާޒިޔާ މެޗަކުން ބަލި ނުވެ ލީގު ނިންމާލި ދެވަނަ ފަހަރެވެ. ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ މާޒިޔާ އިން ލީގު ކާމިޔާބު ކުރިއިރު މިއަދުގެ މެޗަކީ ލީގުގައި އީގަލްސް ބަލިވި ހަމައެކަނި މެޗެވެ.