އަމާން މާހައުލެއް ގާއިމުކުރުމަށް އެންމެ މުހިންމު ބަޔަކަށްވާނީ ގާނޫނު ތަންފީޒުކުރަން ތިބޭ މީހުން ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ވ. ތިނަދޫ ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާސިމް ވިދާޅުވީ ތިނަދޫގައި ހުޅުވި ޕޮލިސް ޕޯސްޓުގެ ހިދުމަތަކީ ގެސްޓުހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާއިމުވެފައިއޮތް ރަށަކަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް އެކިކަހަލަ އަނިޔާތައް ލިބިފައިހުރި ކަމަށާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުންފަދަ ކަންކަމީ މަދުން ނަމަވެސް ފަތުރުވެރިންނަށް ދިމާވެފައިހުރި ކަންކަން ކަމަށް ފާހަގަކުރައްވަމުން އާސިމް ވިދާޅުވީ މިފަދަ ކަންކަން މުޖުތަމައުގައި އާންމު ވެއްޖެނަމަ ފަތުރުވެރިން އައުން މަދުވެގެން ދާނެކަމެވެ. އަދި އަމާންކަމާއި ސުލްހަ މަސަލަސްކަން ނެތް ގައުމެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ ސިފަވެ ގައުމުގެ އިގުތިސާދަށް ވަންނަ ފައިސާގެ އަދަދު މަދުވެގެން ދާނެކަމަށް އާސިމް ވިދާޅުވިއެވެ.
” ދިވެހިންގެ ގިންތި ތެރޭގައި ދޮންވެލި ތުނޑިތަކާއި ބިއްލޫރިކޮޅެއް ފަދަ ސާފު މޫދާއި ހުދު ދޮންވެލި ގޮނޑުދޮށްތަކާއި، އެކި ކުލަކުލައިގެ މުރަކައިން ފުރިފައިވާ ފަރުތަކުގެ ބަގީޗާތައް ހިމެނިގެން ދިއުމަކި ﷲތަޢާލާ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް ބޮޑު ނިއުމަތެއް. މި ނިއުމަތްތަކުން ހިތް އުފާކޮށްލައި ހިތްހަމަޖައްސާލައި ދިވެހިރާއްޖޭގެ މިފަދަ ގުދުރަތީ ރީތިކަން ބަލައިލުމަށް އަންނަ ފަތުރުވެރިންނަށް އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމުކޮށްދިނުމަކީ ދިވެހި ރައްޔިތުންގެ ޒިންމާއެއް” އާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާސިމް ވިދާޅުވީ ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓުގެ ސަބަބުން، ވ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތައް ހިމެނޭ ރަށްރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރު ކުރެވިގެންދާނެކަމަށެވެ. އަދި މީގެ ސަބަބުން ރައްޔިތުންނާ ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެ ފުލުހުންގެ ޚިދުމަތުގެ މިހާރުގެ ފަލްސަފާކަމުގައިވާ ކުށް އުފެދުމުގެ ކުރިން އިސްވެ އެކަން ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި ތަރުތީބުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އާސިމް ވިދާޅުވިއެވެ.