ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ފުށިދިއްގަރުފަޅު ސަރަހައްދުގައި މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި އެ މަޝްރޫއު އިފްތިތާހުކޮށް ދެއްވާނީ ރައީސް މުއިއްޒެވެ. އެނގިފައިވާ ގޮތުގައި ސްރީ ލަންކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
މިއަދު މި މަސައްކަތް ފަށާއިރު، އަންނަ އަހަރުގެ ބަޖެޓުގައި މި ކަމަށް ހިމެނި 400 މިލިއަން ރުފިޔާ ވަނީ ބަޖެޓު ފާސްކުރިއިރު އުނިކޮށްފައެވެ. މިމަޝްރޫއުގެ މަސައްކަތް ކުރުމަށް ބަޖެޓުން އުނިކޮށްފައިވާތީ މިމަޝްރޫއު ކުރިއަށް ގެންދަނީ ބޭރުގެ ގައުމެއްގެ އެހީގެ ދަށުން ކަމަށް މައުލޫމާތު ލިބެއެވެ.
މަޝްރޫއުގެ މަސައްކަތް ފަށާއިރު މި ކަން ކުރަން ހާވާލުކުރަނީ ކޮން ކުންފުންޏަކާ ކަމެއް އަދި ސަރުކާރުން ރަސްމީކޮށް ހާމައެއްް ނުކުރެއެވެ. އަދި މި މަޝްރޫއަށް ފައިސާ ހަމަޖެއްސާ ގޮތެއް ވެސް ސަރުކާރަކުން ހާމައެއް ނުކުރެއެވެ
ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ވަނީ ހަވާލުކޮށްފައެވެ. ސީއެމްސީ ކުންފުންޏަކީ ކުރީގެ ސަރުކާރުން ފެށި ހުޅުމާލޭ-3 ދިޔަނެރުފަޅު އަދި ތިލަފުށިން އިތުރު ބައެއް ހިއްކުން ހިމެނޭ މަޝްރޫއުގެ މަސައްކަތް ވެސް ކުރަމުންދާ ކުންފުންޏެވެ.
މަޝްރޫއު ފެށުމަށްޓަކައި މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ވަނީ ގަރާރެއް ނެރުއްވައި ފުށިދިއްގަރުފަޅު ކ. ގުޅީގެ އިހްތިސާސްގެ ތެރެއިން އުނިކޮށްފަ އެވެ. މި ފަޅުން ހިއްކަން ނިންމާފައިވާ 800 ހެކްޓަރުގެ ބިމަކީ، ގާތްގަނޑަކަށް މާލޭގެ ހަތަރު ގުނަ އެވެ.