English Edition
Dhivehi Edition

ހދ. ކުޅުދުއްފުށިން އިތުރު ދެ ބިދޭސީއަކު ފައިލޭރިއާއަށް ޕޮޒިޓިވް ވެއްޖެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ފައިނޭންސް އެގްޒެކެޓިވް މުޙައްމަދު މޫސާ ވިދާޅުވީ، ފައިލޭރިއާ ބައްޔަށް ސްކްރީން ކުރި މީހުންގެ ތެރެއިން އިތުރު ދެ މީހުން ޕޮޒިޓިވް ވެފައިވާކަމަށެވެ. މިއާއެކު އެ ސިޓީއިން މިހާތަނަށް ބަލި ފެނުނު މީހުންގެ އަދަދު 19 އަށް ވަނީ އިތުރުވެފައެވެ.

ކުޅުދުއްފުށިން ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވަނީ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރުމަށް އެރަށް ދިޔަ އިންޑިއާގެ މީހުންތަކެކެވެ.

އެ ރަށުން އެންމެ ފުރަތަމަ މި ބަލީގެ ކޭސްތައް ފާހަގަވީ ހެެލްތު ޕްރޮޓެކްޝަން އެޖެންސީއާއި އެހެން ބައެއް ޖަމިއްޔާތަކާ ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލުން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިން ކޭމްޕެއްގެ ތެރެއިންނެވެ. އެ ކޭމްޕުގެ ތެރެއިން 16 ކޭސްއެއްވަނީ ވަނީ ފާހަގަވެފައެވެ.

އެއާއެކު އެ ކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން، ވާތީ، އެ ސިޓީގެ ބައެއް ދިވެހިން ބައްޔަށް ޓެސްޓުކޮށް، މުޅި ރާއްޖޭގައި ވެސް ބިދޭސީން ބައްޔަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ހިންގަން ހެލްތު މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ހަމައެއާއެކު ކުޅުދުއްފުށީގައި ދިރިއުޅޭ ބަލި ޖެހުނު މީހުންގެ ކްލޯޒް ކޮންޓެކްޓުން ޓެސްޓުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ފައިލޭރިއާއަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަތަކަށް ބަދަލުއާދެއެވެ. އައިބުވާ މިންވަރަށް ސިފަ ބަދަލުވާއިރު، ގިނައިން މި އައިބުކަން ފެންނަނީ ފައިން ކަން ފާހަގަކޮށްލަންޖެހެއެވެ.

1951 ވަނަ އަހަރު ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ފަންނީ އެހީގައި ކުރިއަށްގެންދިޔަ ސަރވޭގައި، ރާއްޖޭގެ 34 ރަށަކުން ފައިލޭރިއާ ފެނިފައިވެއެވެ. ރާއްޖޭގައި ފައިލޭރިއާ ކޮންޓްރޯލް ކުރުމަށް ޤައުމީ ފެންވަރުގައި 1968 ވަނަ އަހަރު ފެށްޓެވި މަސައްކަތުން ރާއްޖެއިން ފައިލޭރިއާ ނައްތާލެވުނީ 2007 ވަނަ އަހަރުގައެވެ.