English Edition
Dhivehi Edition
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރމުޙައްމަދު ޝަހީމް ޢަލީ ސަޢީދު/ފޮޓޯ އިސްލާމިކް މިނިސްޓްރީ

ރާއްޖޭގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީއިން އެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.

މިކަން އިޢުލާނު ކުރައްވައި، އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވިޔަފާރިވެރިންގެ ތެރޭގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އެކަކު ނުވަތަ ގިނަ ބަޔަކު ވެގެން މިސްކިތެއް އަޅަންބޭނުން ނަމަ ބިން ހަމަޖައްސައި ދިނުމާއި އެނޫން އިދާރީ ފަސޭހަތައް ހަމަ ޖައްސައިދޭން މިނިސްޓްރީން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން ރަށްތަކާއި އަތޮޅުތަކާއި ސިޓީތަކުގައި މިސްކިތް ބިނާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމުގައި މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އާސަރުކާރު އުފެދުނުފަހުން އިސްލާމިކް މިނިސްޓްރީން އަންނަނީ ރައްޔިތުންނާ ގުޅުންހުރި މިފަދަ ތަފާތު ނިންމުންތަކެއް ނިންމަވަމުންނެވެ.
އެގޮތުން ސާނަވީ، އަދި މަތީ ސާނަވީ ތަޢުލީމު ޙާސިލު ކުރާ ދަރިވަރުންނަށް އިމާމުވެ ހުކުރު ކުރެވޭނެ ގޮތް ހަދައި، އެކަމަށް އެދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވައިލައިފައެވެ.
ރާއްޖޭގެ ވިޔަފާރިވެރިންނާއި ތަނަވަސް މީހުން ވަނީ މިހާތަނަށްވެސް މާލެއާއި ރަށްރަށުގައި މިފަދައިން މިސްކިތްތައް ބިނާ ކޮށް ގިނަގުނަ ސަވާބާއި އަޖުރު ލިބޭ މި މަތިވެރި ހޭދައިގައި ކުރިހޯދާފައެވެ. ވަކިން ޚާއްސަކޮށް އައްޑޫސިޓީގައި ބިނާކޮށްފައިވާ ހުރިހާ މިސްކިތްތަކަކީ އެސިޓީގެ ވިޔަފާރިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުން ބިނާ ކޮށްފައިވާ މިސްކިތްތައްކަން ފާހަގަ ކޮށްލެވެއެވެ.