ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން ތިން އެޖެންސީއެއް އުފެެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ވަޒީރުން ގެ މަޖިލީހުގެ ލަފައާއެކު ރައީސް މުއިއްޒު، ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން އުފައްދަވަން ނިންމެވި ތިން އެޖެންސީއަކީ ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒާއި، ދިވެހި ގައުމީ ތަރިކައިގެ ކޮލެޖު އަދި ދިވެހި ގައުމީ ޗާޕުހާނާއެވެ. އެ އެޖެންސީ އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހަށް ކަރުދާސް ހުށަހެޅީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިންނެވެ.
ރައީސް އޮފީހުން ބުނީ އެ މަސައްކަތަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ބަޔާންކޮށްފައިވާ ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެއް މަސައްކަތްތައް ކަމަށެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އިސްވެ ހިންގާ އެ ނިޒާމުގެ ތެރެއިން ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތަކީ އެ ދާއިރާއިން އިލްމީ ގާބިލު ބަޔަކު އުފެއްދުމެވެ. އަދި، ދިރާސާވެރީން ހޯދައި ކިޔަވައިދިނުމާއި ދިވެހި އަމިއްލަވަންތަކަމުގެ އިލްމީ ގާބިލުކަން މީހުންގެ ކިބައިގައި އަށަގެންނެވުމަކީވެސް ތަރިކައިގެ ކޮލެޖުގެ މަސްއޫލިއްޔަތެކެވެ.
ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ ދިވެހިވަންތަކަމުގެ އިލްމެއް އުފަންކޮށް އިއާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. އެގޮތުން، ދިވެހި ގައުމިއްޔަތު އިއާދަކުރުމަށް ބޭނުންވާ އިލްމީ މައުލޫމާތުތައް އެއްކުރުމާއި، ދިރާސާކޮށް އިލްމީ ލިޔުންތައް އެކުލަވާލުމާއި، ދިރާސާތައް ޝާއިއުކުރުމާއި ގައުމިއްޔަތުގެ އިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ގައުމިއްޔަތުގެ އިލްމަށް ހޭލުންތެރިކުރުވުން އޭގެ ތެރޭގައި ހިމެނެއެވެ.
އޭގެ އިތުރުން ދެން އުފެއްދެވި ގައުމީ ޗާޕުހާނާގެ ދައުރަކީ އެ ނިޒާމުން އުފައްދާ ދިވެހީންގެ ދިވެހި އުފެއްދުންތައް އާންމުކޮށް ފެތުރުމެވެ.