ބޭރަށް ދަތުރުކުރައްވާއިރު ފަސްޓްކްލާހުގައި ދަތުރުފުޅު ކުރައްވަން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ތުރުކީއަށާއި ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި، އާދީޢްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދަތުރުފުޅުތަކަށް ހިންގާ ޚަރަދުތައް ގިނަވެގެން 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމަށެވެ.
އަދި އެ މައުލޫމާތު އެއްކޮށް ނިމުމުން އެއަށްވުރެ އަވަހަށްވެސް އެ މަޢުލޫމާތު ހާމަކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މައުލޫމާތު ހާމަކުރެއްވުމުގެ އިތުރަށް އެ ދަތުރުފުޅުތަކުގެ ޚަރަދު ވީހާވެސް ކުޑަވާނެ ގޮތަކަށް ބެލެހެއްޓެވުމަކީ އެމަނިކުފާނު އިސްކަންދެއްވާނެ ކަމެއް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނާއެކު ދަތުރުކުރާ ވަފުދުގައިވެސް ކޮންމެހެން ހިމެނިވަޑައިގަންނަވަންޖެހޭ ބޭފުޅުން ފިޔަވައި އިތުރު ބަޔަކު ނުހިމަނުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ދަތުރުފުޅުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން އެމަނިކުފާނާއި ނައިބުރައީސް ޙުސައިން މުޙައްމަދު ލަޠީފުވެސް ނިންމަވާފައިވަނީ ފަސްޓު ކުލާހުގައި ދަތުރުނުކުރެއްވުމަށް ކަމަށާއި، ތުރުކީ ދަތުރުފުޅުގައި ބިޒްނަސް ކުލާހުން ޖާގަ ލިބިވަޑައިނުގަތުމުން އެމަނިކުފާނަށް ދަތުރުކުރައްވަން ޖެހިވަޑައިގަތީ ފަސްޓު ކުލާހުގައިކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ ބިޒްނަސް ކުލާހަށްވުރެ މަތީ ފަންތީގެ ކުލާހުގައި ދަތުރުނުކުރެއްވުމަކީ އެމަނިކުފާނުގެ ނިންމެވުމެއް ކަމަށެވެ.