English Edition
Dhivehi Edition
ރާއްޖޭގެ މީޑިޔާތަކުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުން / ފޮޓޯ:ރައީސް އޮފީސް

ސަރުކާރުން ހަބަރާ މައުލޫމާތު ފޯރުކޮށް ދެއްވުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރައްވާނެކަމަށާ އަދި މީޑިއާތަކުގެ ‘ބްލެކް ލިސްޓެއް’ މި ސަރުކާރަކުން ނުގެންގުޅުއްވާނެކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން، އިބްރާހީމް ހަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިބްރާހީމް ޚަލީލް މިހެން ވިދާޅުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރާއްޖޭގެ މީޑިޔާތަކުގެ އިސް ފަރާތްތަކާއެކު ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމެއް ގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް ކަމުގައިވާ ދައުލަތުގެ ބަޖެޓުން ނޫސް މީޑިއާތަކަށް ވަކި މިންވަރެއް ދިނުމަށް ކަނޑައެޅުމަށް ވެވެޑައިގެންނެވި ވައުދުގެ ކަންކަން ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށް މީޑިޔާތަކުގެ އިސްވެރިންގެ މަޝްވަރާ ހޯއްދެވުން ހިމެނެއެވެ.

މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ މީޑިޔާ ވިލެޖް ގާއިމުކުރުމާއި، މީޑިޔާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއްވެސް ސަރުކާރުން ހާއްސަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަންވެސް މި ބައްދަލުވުމުގައި ވަނީ ދެއްވައިފައެވެ.

މީގެ އިތުރުން މީޑިއާތަކަށް މައުލޫމާތު ހާމަކުރުމާ މީޑިއާތަކަށް ސަރުކާރުން ކޮށްދެއްވަން ވައުދުވެވަޑައިގެންފައިވާ ކަންކަން ކޮށްދިނުމުގައި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކުން މަސައްކަތްކުރަމުންދާ ގޮތް ވަރަށް ގާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިޔުނިކޭޝަން ޑިޕާޓްމަންޓުން ބައްލަވަމުން ގެންދަވާނެކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގައި ހިދުމަތްދޭ ގިނަ މީޑިޔާތަކެއްގެ އިސްފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި، މީޑިޔާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު، މީޑިޔާތަކުގެ އިސްފަރާތްތަކުން ހިއްސާކުރައްވައި، އެކަންކަމަށް ހައްލު ހޯދޭނެ ގޮތްތަކާ ބެހޭގޮތުންވެސް ބައެއް މަޝްވަރާތައް ކުރެއްވިއެވެ.

މީޑިއާތަކާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ސިލްސިލާކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށް ގެންދަވާނެއެވެ.