English Edition
Dhivehi Edition
ޔުނިސެފާއެކު ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ބޭއްވެވި ބައްދަލުވުމެއް/ފޮޓޯ ހެލްތުމިނިސްޓްރީ

ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނަށް ސިއްޙީ ފަރުވާ ދެވޭނީ 16 އަހަރުން ދަށުގެ ކުދިންނަށް އެކަނި ކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން މިއަދު ކަނޑައަޅައިފިއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލްތައް އެއްގޮތް ކުރެވިފައި އޮތުމަކީ މުހިއްމުކަމެއް ކަމަށްވާތީ އާންމު އުސޫލެއްގެގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބެއްލެވުމާއި، ފަރުވާ ދެއްވުމަށް ވަކި އުމުރުފުރާއެއް އެ މިނިސްޓްރީންކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ބެއްލެވުމަށް ކަނޑައަޅާފައިވާ އުމުރުފުރާއަކީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ވަނީ ނިންމާފައެވެ.

އެ މިނިސްޓްރީން ބުނީ މިގޮތަށް ކަނޑައެޅިފައި އޮތްނަމަވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން، އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފު ނުވާ ގޮތުގެމަތިން 16 އަހަރުން މަތީ އުމުރުފުރާގެ ކުދިންނާއި މީހުން ބެއްލެވުމާއި ފަރުވާ ދެއްވުމަކަށް ހުރަހެއްނެތް ކަމަށެވެ.

އަދި އެހެނިހެން ސްޕެޝަލިޓީ/ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަމްރީނު ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިޓް ޑޮކްޓަރުންނަކީ އެ ދާއިރާއަކުން ކުޑަކުދިންނަށް ޚާއްޞަ ޑޮކްޓަރުން ކަމަށް ނުވިނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިން ބައްލަވާ، އެކުދިންނަށް ފަރުވާ ދެވިދާނެ ކަމަށްވެސް ސިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.