މި ދުވަސްކޮޅު ސޯޝަލް މީޑިއާގައި އެންމެ ހިނގާ އެއްވާހަކަ އަކަށް ވެފައި މިއޮތީ “ޖީލު” ގެ ވާހަކައެވެ. އަހަރެމެންގެ ޖީލު ތަފާތުވާ ސަބަބުތަކުގެ ވާހަކަ އެވެ. ތިމާގެ ޖީލު ކިޔައިދިނުމަށް ހާމަކޮށްފައި ހުރި ހެއްވާ މަޖާ ވާހަކަތަކެވެ. ކުޑައިރުގެ ދިރިއުޅުމާއި އުފާވެރި މާޒީ ތަފާތު ގޮތްގޮތަށް ސިފަކޮށްދީފައިވާ އިރު އެ ސިފަކުރުންތައް ކިތަންމެހައި ވެސް މޮޅެވެ. ތެދެއްމެއެވެ. އެވާހަކަތަކުން ކުޑައިރުގެ މާޒީގެ ތެރެއަށް ވަދެވޭހައިވެއެވެ!
ޚިޔާލަށް އައީ ކުޑައިރުގެ ހަނދާނެވެ. ރޭގަނޑަށް އިރު އޮއްސުމުގެ ކުރިން ފުޅިބައްތިތައް ދިއްލަން ވެގެން ކުރެވުނު މަސައްކަތުގެ މަތިންނެވެ. ގޭގައި ބޭނުންކުރާ އެކިކަހަލަ ސާމާން ހުސްވާ ފުޅިފުޅި އެއްކޮށް ކޮންމެ ފުޅިއެއް އެހާމެ ސާފުކޮށް އޮއްސޭއިރާއެކު އެއަށް ކަރާސީނު ތެޔޮ އަޅައި ފީތާތަކުގެ ކަނިވެފައި ހުންނަ ބައި ބުރިކޮށް މުޅިގެ ބައްތިތަކުން ދިއްލާ ހަނދާނެވެ. ތެދެއްމެއެވެ. މި ޖީލުގެ ކުދިންނަށް އެ މަންޒަރު ފެންނާނީ ސަގާފީ ވައްތަރަށް ހަދާފައި ހުންނަ ރެސްޓޯރެންޓްތަކުންނެވެ. ނުވަތަ އެ ފާޑަށް ތައްޔާރުކުރާ ޕާޓީތަކުންނެވެ. އެހެނަސް އެއީ އަހަރެމެންގެ ޖީލެވެ. ކަރަންޓުގެ ޒަމާން ނެތް ޖީލެވެ. ބޮކި އަލީގައި، ދެ ނަމާދު ދޭތެރޭ ގުރުއާން ކިޔަވައި ފިލާވަޅު ދަސްކޮށް ނަހަދަނީސް ރޭގަނޑުގެ ކެއުން ނުލިބޭ ޒަމާނެވެ.
ބައްތި ދިއްލުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭގައި އެއްފަހަރަކު އޮޅިގެން ފެންކަމަށް ކަރާސީނު ތެޔޮ ބޮވުނު ދުވަސްމަތިން ހަނދާންވިއެވެ. އެވާހަކަ މަންމަ ގާތު ބުނުމުން ގޮސް އޯމޯ ޕެކެޓުން އޯމޯ އަޅައިގެން ގިރައިގެން އައިސް ދިނީއެވެ. ކަރުތެރެ ދިޔައީ ބުރިވެގެންނެވެ. ކުރީގައި ދިން ރަހައަށް ވުރެ މިފަހަރުގެ ރަހަ ނުބައިވީމައެވެ. އެހެނަސް އެއީ ވަގުތީ ފަރުވާ ލިބެން ނެތް ޒަމާނެވެ. ޓެކްސީ އެއްނެތް ޒަމާނެވެ. ފޯނު އެއީ ހެއްދެވި އެއްޗެއްކަން ނޭނގޭ ޒަމާނެވެ. ރަނގަޅު ސިއްހީ ފަރުވާ ލިބެން ނެތް ޒަމާނެވެ. އެހެންކަމުން ކަރާސީނު ތެޔޮ ރަހަ އޯމޯ އިން ކަނޑުވާލައިގެން ހަމަޖެހިލަން ޖެހުނު ޖީލަކީ އެއީ އެވެ! މި ޖީލު އެއާ ވަރަށް ތަފާތެވެ. ކިރިޔާ ކަމެއްވާއިރަށް ޓެކްސީ އަށް ގުޅައިގެން ހޮސްޕިޓަލަށް ގޮސް ޒަމާނީ ފަރުވާ ހޯދާނެ ފުރުސަތު ލިބިދެއެވެ. ސަރުކާރު ހޮސްޕިޓަލް ތަކުން ހަމަ މުޅިން ހިލެއެވެ. ބޭސް ސިޓީއަކަށް ބޭސް ނަގަން ޖީބަށް ބަރެއް ނުވެއެވެ. ދެ ޖީލުގެ ތަފާތަކީ އެއީއެވެ!
އަނެއްކާވެސް ޖީލުގެ ތަފާތު އާ ވާހަކައެކެވެ. އަހަރެމެން ކުޑައިރު ހަވީރު ފެންވަރައިގެން ފުށްޖަހައިގެން ދުއްވަން ދާނެ އިންޖީނުލީ ސަވާރީއެއް ނުލިބެއެވެ. އެހެނަސް ނަސީބު ރަނގަޅުކަމުން ގޭގައި މަސް އުފުއްލަން ގެންގުޅޭ ބޮޑު ގާޑިޔާ އޮވެއެވެ. ކޮންމެ ފަހަރަކު މަސް އުފުލުމަށްފަހު ރަނގަޅަށް ސާފުކުރާތީވެ އޭގައި ނުބައިވަހެއް ނުދުވައެވެ. އެހެންކަމުން އެއީ އަހަރެމެންގެ ހަވީރު ބުރުޖަހާ ކާރަށް އޮންނަނީ ވެފައެވެ. ގޭދޮށު ހުރިހާ ކުދިން ރީތިވެގެން ގާޑިޔާ ދުއްވަން އާދެއެވެ. ދިހަ ވަރަކަށް ކުދިން ގާޑިޔަލަށް ލައިގެން ގާޑިޔާގެ މުށްގަނޑުގައި ހިފައިގެން މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުވެފައި ދެވުމުން އެއްބުރު ހަމަވީއެވެ. ދެން އަނެއްކާވެސް އެހެންކުއްޖަކަށް ޑްރަވަރުކަން ލިބެނީއެވެ. އޭގެ ތެރެއިން އުފެދިގެން ދިޔައީ އިޖްތިމާއީ ގުޅުމާއި އެކުވެރިކަމުގެ ޖީލެކެވެ. ހީވާގިކަމާއި އެކު އެކަކު އަނެކަކަށް ގުޅިގެން އުޅެން އެނގޭ ޖީލެކެވެ. އެހެނަސް މި ޖީލުގެ ކުދިން ފުރާވަރުގެ އެހެންކުދިންނާ ގުޅުން ބަދަހިކުރަނީ ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓްފޯމް ތަކުންނެވެ. ނުވަތަ ކޮފީތަކުންނެވެ. ދެ ޖީލުގެ ތަފާތަކީ އެއީ އެވެ!
މި ޖީލުގެ ކުދިން ދެކޭފަދަ އަންނައުނުން ފުރިފައިހުރި ފިހާރަތަކެއް އެ ޖީލުގެ ކުދިން ނުދެކެއެވެ. މިހާރުގެ ކުއްޖަކު ތަނަކަށް ދާންވެއްޖެއްޔާ އަލަމާރީގައި ފުރެންދެން ހުންނަ އެކިޑިޒައިންތަކުގެ ހެދުންތައް ބަރިބަރިއަށް އެނދުމައްޗަށް އަޅާލައިގެން ހާވާލަން އިނުމަށްފަހު މާޔޫސް ކަމާއެކު ބުނާނީ ރަނގަޅު އެއްވެސް ހެދުމެއް ނެތް ކަމަށެވެ. ދެން އެވީ އަނެއްކާވެސް އާ ހެދުމެއް ގަންނަން ދާށެވެ! އެހެނަސް އަހަރެމެން ކުޑައިރު ލިބެނީ އަހަރަކު 4 ހެދުމެވެ. އެއީ ބޮޑު އީދު ހެދުމާއި، ކުޑަ އީދު ހެދުމާއި، ޖުލައި 26 ވަނަ ދުވަހުގެ ހެދުމާއި ނޮވެމްބަރު 11 ވަނަ ދުވަހު ލިބޭ ހެދުމެވެ. އަބަދުވެސް ތަންތަނަށް ދާން ޚާއްޞަ ވެފައި އޮންނާނީ އެންމެ ފަހުން ލިބޭ ހެދުމެވެ. އެ ހެދުން އޮންނާނީވެސް މަންމަ އަތުގައެވެ. އެއީ ކޮންމެ ގެއެއްގައިހެންވެސް އާދައެވެ. މީހުންގެ އިގްތިޞާދީ ޙާލަތު ހުންނަ ގޮތުން އެއަށްވުރެ އިތުރަށް އަންނައުނަށް ޚަރަދުކުރެވެން ނޯންނަނީއެވެ. އެހެނަސް ތަންކޮޅެއް ލިބޭ މީހުންގެ ކުދިން އަތުގައި މިއަށްވުރެ ތަންކޮޅެއް ހެދުން ގިނަވެދާނެއެވެ. އަންނައުނު މަދުވިޔަސް އެކަމަކާ އެ ޖީލުގެ ކުދިން ކަންބޮޑެއް ނުވެއެވެ. ތަނަކަށް ދާން ވިޔަސް ވިސްނުމެއް ފިކުރެއް ނެތި އެއްކަލަ ހެދުން މަންމަ އަތުން ހޯދަނީއެވެ. އެ ޖީލުގެ ކުދިންނަށް ލިބޭ މިންވަރުން ފުދިގެން އުޅެން އެނގެއެވެ. އެހެނަސް މި ޖީލުގެ ކުދިން އަބަދުވެސް ތިބެނީ އިތުރަށް ލިބުން އެދިއެދިއެވެ. ސަބަބަކީ ބޭނުންވާ ވަރަށް އެއްޗެތި ލިބެން ހުރުމާއި އިގްތިޞާދީ ފުދުންތެރިކަމެވެ. ދެ ޖީލުގެ ތަފާތަކީ އެއީއެވެ!
ތައުލީމީ ޙަޔާތަކީ އެ ޖީލުގެ ކުދިންނަށް ގިނަ ވާހަކަތަކެއް ކިޔައިދެވޭނެ ތަފާތު ޙަޔާތަކެވެ. ކުޑައިރު އަލިފުބާގެއިން ވޮށިފިލާއިން ކިޔަވައި މަގުމަތީގައި ހުންނަ މަށިން ކިޔަވާ ފިލާ ދޮވެ ހިއްކަން އަޅާ، އަދި އީދު ތަކުބީރަށް ފިލާގައި ކެލާ ޖަހާ ހަނދާން އެ ޖީލުގެ ކުދިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ތައުލީމުއްދިޔާނާ އާއި ދުރޫސުލް އަޚްލާގުން ތަރުބިއްޔަތު ލިބިގަތުމަށްޓަކައި ފޮތުގައި ހުރި ހުރިހާ ސަފްހާއެއް ހިތުދަސްކޮށް މުދައްރިސަށް ކިޔާދިން ކުދިން މިހާރުވެސް އެ ފިލާވަޅުތައް ހަނދާން ހުންނާނެއެވެ. ގުނަކުރަން ދަސްކުރުމަށް ދަސްކުރި ނަވަތައާއި އެފަދަ ހުރިހާ ފިލާވަޅުތައް ދެންމެ ދެންމެ ދަސްކުރި އެއްޗެތިހެން ހަނދާން ހުންނާނެއެވެ. މުދައްރިސުންނަށާއި ވެރިންނަށް ކުރި އިޙްތިރާމާއި ގަދަރާއި، މުދައްރިސަކު މަގުމަތިން ފެނުނަސް އެއްފަރާތަކަށް ޖެހިލައި މުދައްރިސަށް ސަލާމް ކުރުމަށްފަހު ގޮސް ނިމެންދެން ކުޑަވެގެން ހުންނަ ހަދާންތައް އެޖީލުގެ ކުދިން ހަނދާން ހުންނާނެއެވެ. އެހެނަސް މި ޖީލުގެ ގިނަކުދިން ތަފާތެވެ. ވެރިންނަށް އިޙްތިރާމް ކުރުމާއި ކިޔަމަންތެރިވުމަކީ ދަންނަ ކަމެއްވެސް ނޫނެވެ. މުދައްރިސަކު ބާރަށް އެއްޗެއް ބުނެލައިފިނަމަ ކުޑަކުދިންނަށް ލިބިދޭ ހައްގުތަކުގެ ވާހަކައިން އެ މުދައްރިސަކަށް ބިރު ދައްކަންވެސް މިޖީލުގެ ކުދިންނަށް އެނގެއެވެ. މި ޖީލުގެ ކުދިން މާބޮޑަށް ހޭލުންތެރިވީ ކަމަށް ވެސް ވެދާނެއެވެ. މުޖުތަމައިން ދަސްވާ ހަލަބޮލިކަމާއި، މުޒާހަރާތަކާއި، ވެރިންނަށް ގަދަރުކުޑަކުރުމާއި މިފަދަ ހުރިހާ ކަމެއް އެކުދިންވެސް ދަސްކުރަނީއެވެ. މީގެ އިތުރުން މި ޖީލުގެ ކުދިން ޓެކްނޮލޮޖީއަށް މާ ބޮޑަށް އަހުލުވެރިވެ ދުނިޔޭގެ ހުރިހާ އޮޔާ ވަޔެއް ހިނގާގޮތްވެސް ދަސްކުރަނީއެވެ. ދެ ޖީލުގެ ތަފާތަކީ އެއީއެވެ!
އެއްޖީލުން އަނެއް ޖީލަށް އަބަދުވެސް މިފަދަ ވާހަކަތަކެއް ކިޔައިދޭން އޮންނާނެއެވެ. އަހަރެމެންގެ އެތައްސަތޭކަ އަހަރެއް ކުރިން ދިރިއުޅުނު މީހުން މިއަދު ދުނިޔޭގައި އުޅޭނަމަ ކިޔައިދޭނެ ޝައުގުވެރި ގިނަ ވާހަކަތަކެއް އިތުރަށް ހުންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެއްދުވަހުން އަނެއް ދުވަހަށް ދުނިޔެ ތަރައްގީވަމުން އަންނަ އިރު މީހުންގެ ދިރިއުޅުމާއި ވައްޓަފާޅިއަށް ބަދަލުއައުމަކީ ދުނިޔެ ހިނގަމުން ދިޔުމާއި ގުޅޭ އެއް އުސޫލެވެ.
އަހަރެމެން ކުޑައިރު މަންމަމެން ބުނާ އަޑު އިވެއެވެ.
“މި ޒަމާނުގެ ކުދިން އުޅޭ ގޮތްދޯ. އަހަރެމެން ކުޑައިރު އުޅުނު ގޮތަށް އުޅެން ދަސްކޮށްބަލަ!”
މިއީ އަހަރެމެން މިއަދު އަހަރެމެންގެ ދަރިންނާ ދިމާއަށް ވެސް ބުނާނެ ގޮތެވެ. އަދި އެ ކުދިންވެސް ދެން އަންނަ ޖީލަކަށް ބުނާނެ ވާހަކަތަކެވެ.
އެއްޖީލު އުޅުނު ގޮތަށް އަނެއް ޖީލަކަށް ނުވެސް އުޅެވޭނެއެވެ އަހަރެމެން ޖެހޭނީ ޒަމާނާ އެއްގޮތަށް ބަދަލުވަމުން ދާން ދަސްކުރާށެވެ. ޖީލުތަކުގެ ތަފާތަކީ އެއީއެވެ!