އިންޑިއާއިން ކަޝްމީރުގައި ޕާކިސްތާނުން ކޮންޓްރޯލްކުރާ ސަރަހައްދަށް މިސައިލުން ހަމަލާދީ އެތައް ބަޔަކު މަރާލައިފި އެވެ.
ދެކުނު އޭޝިޔާގެ ބޮޑު ދެ ބާރު ކަމުގައިވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުހީވެފައިވަނިކޮށް “އޮޕަރޭޝަން ސިންދޫރު”ގެ ނަމުގައި ދިން އެ ހަމަލާތަކުގައި ކަޝްމީރުގެ ނުވަ ތަނަކަށް ހަމަލާދީފައިވާ ވާނެ ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.
ޕާކިސްތާނުން ބުނީ އިންޑިއާއިން ދިން މި ހަމަލާތަކުގައި އާންމުންގެ އަށް މީހަކު މަރުވެފައިވާ ކަމަށާއި ރައްދު ހަމަލާ ދިނުމުގެ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. ޕާކިސްތާނުން ބުނި ގޮތުގައި މަދުވެގެން ފަސް ތަނަކަށް އިންޑިއާއިން ހަމަލާދީފައި ވާއިރު އެ ހަމަލާތަކުގައި ކުޑަކުއްޖަކު ވެސް މަރުވެފައިވާ ކަމަށެވެ.
މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާ އަކީ ޕާކިސްތާނުގެ ތާއީދާ އެކު ހިންގި އަމަލެއް ކަމަށް ބުނެ އިންޑިއާއިން ދެމުން ދިޔަ އިންޒާރުތަކަށް ފަހު ހަމަލާ ދިނުމުން ޕާކިސްތާނުން މިހާރު ވަނީ ރައްދު ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިންޑިއާއިން ހަމަލާ ދިން ފަސް ތަނުގެ ތެރޭގައި ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ތިން ތަނަކާއި އެ ގައުމުގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބުގެ ދެ ތަނެއް ކަމަށްވާ ބަހާވަލްޕޫރާއި މުރިދްކޭ ހިމެނޭ ކަމަށެވެ.
ނިއުކްލިއާ ދެ ބާރުގެ ދެމެދުގައި މި ފަހުން މައްސަލަ ގޯސްވީ ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއަށް ފަހުގަ އެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު، އިންޑިޔާގެ ކަޝްމީރުގައި ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ، ބަޑިން ޙަމަލާދީ 26 މީހުން ވަނީ މަރާލައިފައެވެ. އެ ޙަމަލާދިން ތިން މީހުން ހޯދުމަށް އިންޑިޔާއިން ވަރުގަދަ އަސްކަރީ ޙަރަކާތެއް ހިންގަމުންދާއިރު، އޭގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުން ކަމަށް އިންޑިޔާއިން ވަނީ ތުހުމަތުކޮށްފައެވެ.