English Edition
Dhivehi Edition

މިދައުރުގެ ތެރޭގައި ކޯވިޑް-19އިން އަރައިގަނެ އަދި ގެނެވުނު އިޤުތިޞާދީ ހެޔޮ ބަދަލު ތަކަކީ، ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ޢާލަމީ ވަބާ އާއި އެކަމާއި ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވެގެންދިޔަ އިޤުތިޞާދީ ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.

މިގޮތުން އެމަނިކުފާނު ވިދާޅުވީ، ކޯވިޑް 19ގެ ޙާލަތުގައި، ރައްޔިތުންނަށް ބޭނުންވާ އަސާސީ އެންމެހައި ކަންކަން ފުރިހަމަކޮށްދީ، ތަރައްޤީގެ މަޝްރޫޢުތައްވެސް ހުއްޓާނުލައި ކުރިޔަށް ގެންދެވުނުކަމަށެވެ. އަދި އެންމެ ފުރަތަމަ އާބާދީގެ އެންމެން ވެކްސިން ފުރިހަމަކުރި މަދުޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުނުކަން ފާހަގަކުރައްވައި، އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލެވުނު އެއްޤައުމަކަށް ދިވެހިރާއްޖެ ވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމާއި އިޤުތިޞާދު އިހުހުރި ހިސާބަށް ރުޖޫޢަކުރުމުގައި، ލިބުނު ކާމިޔާބީއަކީ ބޮޑު ކާމިޔާބީއެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިދައުރުގެ ތެރޭގައި ރާއްޖޭގެ އިޤުޠިޞާދު ހަރުދަނާކުރެއްވުމަށް ކުރެއްވުނު ބައެއް މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ޓަރމިނަލް އެޅުމުގެ މަސައްކަތާއި، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާއި، ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ އިތުރުން، އައްޑޫގެ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އިޤުތިޞާދުގެ މައި އެއް ސިނާޢާތުކަމުގައިވާ މަސްވެރިކަމާއި ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ކުރިއެރުވުމަށް މީގެ ކުރިން ދެވިފައި އޮތް ސަމާލުކަން ކުޑަކަމަށެވެ. އަދި މިދައުރުގެ ތެރޭގައި މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއް ކުރެވިފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްޤީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.