English Edition
Dhivehi Edition

ގއ. ވިލިނގިލީ ގެއެއްގެ ތެރޭ އަންހެނަކު ރޭޕުކުރި ކަމުގެ ތުހުމަތުގެ ދައުވާ، ތިން މީހެއްގެ މައްޗަށް، މިއަދު ޕްރޮސިކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުގައި އުފުލައިފި އެވެ.
ޕީޖީން ބުނީ މި އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު، ތިން މީހަކު ވެގެން، ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނެއްގެ ނުރުހުމުގައި އޭނާ ހިފަހައްޓައި، އޭނާ ރޭޕްކޮށްފައިވާކަމަށެވެ.

މިމައްސަލައިގައި ދައުވާ އުފުލި 3 މީހުންގެ ތެރެއިން ، ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ އިބްރާހީމް ރިޒާގެ މައްޗަށް އުފުލީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ދައުވާއެވެ.

ގއ. ވިލިނގިލި ކެޔޮވިނަ އަޙްމަދު ޝާލްގެ މައްޗަށް އުފުލީ ރޭޕްކުރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގައި ދަޢުވާ އުފުލި 3 ވަނަ މީހާ ކަމަށްވާ ،ގއ. ވިލިނގިލި މަލަސް މުހައްމަދު މާއިލްގެ މައްޗަށް އުފުލީ މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށް، ކުޑަކަމުދާތަކެތި ނަގައި ތަހުލީލުކުރި އިރު، އޭގެތެރެއިން ތިން ދައުވާއެއް އުފުލާފައިވާ، ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ އިބްރާހީމް ރިޒާ ވަނީ ކެނަބިސްއަށް ޕޮޒިޓިވްވެފަ އެވެ.

ޕީޖީން ހާމަކުރެއްވި ގޮތުގައި، މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި އިރު، ޖިންސީ ކުށުގެ ގާނޫނުގެ ދަށުން އެ އެންމެންގެ މައްޗަށް ހުށަހެޅި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި، ކުށުގެ އަމަލު ސާބިތުކުރުމަށް ހަރުދަނާ ހެއްކާއި ގަރީނާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި، ހެކިބަސްދޭ މީހުންނާއި ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި މެޑިކޯ ލީގަލް ރިޕޯޓުތަކާއި ޑީއެންއޭ ރިޕޯޓުތައް ހިމެނެ އެވެ

މިތިން މީހުުން ވެސް މިވަގުތު ތިބީ ފުލުހުންގެ ބަންދުގައެވެ.