English Edition
Dhivehi Edition

ދަ ޑިމޮކްރެޓްސް އިން ބޭނުންވަނީ އެ ޕާޓީގެ ރިޔާސަތެއްގައި އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވަން ކަމަށާއި އެހެންވެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ދިގުދެންމުމުގެ ވިސްނުން އެ ޕާޓީގެ މެމްބަރުން ގެންގުޅުއްވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ ޑިމޮކްރެޓުންގެ ވިސްނުން ހުރީ މި މަހު 17އާ ހަމައަށް އިތުބާރުގެ މައްސަލަ ގޮތެއް ނުނިންމާ ދިގު ދެންމޭނެހެން ކަންކަން ރޭވުމަށް ކަމަށާއި ކަންކަން ކުރިއަށްދާ މިސްރާބަށް ބަލައިފިނަމަ އެއީ މިކަން ކުރަން އުޅުއްވާ ގޮތް ކަމަށް އެންމެންނަށް ގަބޫލު ކުރެވޭނެ ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވައްދާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީހާވެސް އަވަހަކަށް ނިމިގެންދިއުމަށް .މަޖިލިސް ހުއްޓުވާފައި ބޭއްވުމުގެ ބާރު އެއްވެސް ބޭފުޅަކަށް ލިބިގެން ނުވޭ. ” ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރު ގެނައުމުގައި މަސައްކަތް ކުރެއްވި ކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވާ ކަމަށާއި އެހެންވެ އެ ޕާޓީގެ ރިޔާސަތެއްގައި އެމަނިކުފާނު ހުވާކުރައްވަން އެ ބޭފުޅުން ބޭނުންފުޅުވާ ކަމަށާއި އެކަމުގައި ޕީޕީއެމް/ޕީއެންސީއާއެކު “އަންޑަސްޓޭންޑިން” އެއް އޮތް ކަމަށެވެ.

“ބޭރުން އިވޭ އަޑުތަކަށް ބަލާއިރު ނޮވެމްބަރު 17 އާ ހިސާބަށް މައްސަލަ ދިގު ދެންމުމުގެ ވިސްނުމެއް ޑިމޮކްރެޓުންގެ އެބައޮތް. ނަމަވެސް އެއީ ރަސްމީކޮށް އަޅުގަނޑުމެންނަށް އެނގޭ އެނގުމެއް ނޫން. އަޅުގަނޑުމެންނަށް ދާ މިސްރާބަށް ބަލާއިރު އެއީ މިކަން ކުރައްވަން އުޅުއްވާ ގޮތްކަމަށް އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ” ނިޔާޒް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ނިޔާޒް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އަމަލުކުރަމުން އަންނަނީ ރިޔާސަތުން ހިތުހުރި ގޮތަކަށް ކަމަށެވެ. އެގޮތުން ރިޔާސަތުން ބޭނުންވާ އެޖެންޑާ އައިޓަމެއް އިސް ފަސްކޮށް ބަހުސްކުރުމަކީ އެމްޑީޕީން ދެކޮޅު، ނުރުހޭ ކަމެއްކަމަށް ނިޔާޒް ވިދާޅުވިއެވެ.

އެމްޑީޕީގެ ސަރުކާރު ނިމުމުގެ ކުރިން މަޖިލީހުގެ ތެރެއިން ކުރަން ހުރި މުހިންމު މަސައްކަތްތަކެއް ހުރި ކަމަށާއި މިހާރު އޮތް މުއްދަތުގެ ތެރޭ އެ ކަން ކުރެވޭނީ އަަވަހަށް ރިޔާސަތުން ރައީސް ނަޝީދު ދުރުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ސުޕްރީމް ކޯޓުގައިވަނީ އެމްޑީޕީން ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުން ފަށައިފައެވެ. އިއްޔެގެ އަޑުއެހުން ނިންމައިލީ ޑިމޮކްރެޓުން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނުމުންނެވެ.