English Edition
Dhivehi Edition

ހަގީގީ ތަރައްގީއަކީ އަމިއްލަ ނަފްސާއި ސިކުނޑީގެ މުއްސަނދިކަން ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ވިސްނުމާއި ސިކުނޑި ތަރައްގީކޮށް ހިތުގެ މުއްސަނދިކަން ނާންނަހާ ހިނދަކު ހަގީގީ މާނާގައި ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށެވެ. އަދި ކިތަންމެ ވަރަކަށް އިމާރާތްތައް ހަދައި، ބްރިޖު އަޅައި، ކިތަންމެ ބިމެއް ހިއްކިޔަސް، އުމްރާނީ ތަރައްގީ ގެނަޔަސް ހަގީގީ ތަރައްގީ ނާންނާނެ ކަމަށެވެ.

މީގެ އިތުރުން ގައުމުގެ ދިވެހިވަންތަކަމާއި ދީނީ ބައެއް ސިފަތައް ވެސް މިހާރު ނެތެމުންދާ ކަމަށާއި އެހެންކަމުން އެކަންކަން އިއާދަކުރުމުގެ މުހިންމުކަމަށް ވެސް ވިދާޅުވިއެވެ. އަދި ދިވެހިންގެ ދީން ހިމާޔަތް ކުރުމަށްޓަކައި ދީނީ ވާހަކަތަކާއި ދީނީ މައުލޫމާތު ދެމުން އަންނަ ގޮތްތައް ވެސް މިއަދު ބަދަލުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަންކަން ހާސިލް ކުރުމަށްޓަކައި އެމަނިކުފާނުގެ މެނިފެސްޓޯގައި ގްރާންޓް ސްކީމެއް ހިމަނުއްވާފައިވާ ކަމަށާއި މުއްސަނދި ހަޒާނާ އެބަހުރި ކަމަށާއި ނަމަވެސް މީގެ ބޭނުން ކުރަން އެބަ ޖެހޭ ކަމަށެވެ. އަދި އިލްމީ ދިރާސާތައް ކުރެވި، ޕްރެކްޓިކަލް ސޮލިއުޝަންތައް ނެރެވެން އެބަޖެހޭ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.