މި ސަރުކާރުގެ އެއްވެސް އިހްލާސްތެރިކަމެއް އޮތް ނަމަ ފަސް އަހަރު ތެރޭ ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތް އޮންނާނީ ކޮށްފައިކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި އާދަމް ޝަރީފް ވިދާޅުވީ ޖުޑިޝަރީ އިސްލާހުކުރާނެކަަމށް ބުނެ އެމްޑީޕީ އިން ރައްޔިތުންނަށް އޮޅުވާލީ ކަމަށެވެ. އެއްވެސް އިރެއްގައި އެމްޑީޕީ އިން ޖުޑިޝަރީ އިސްލާހުކުރުމުގެ މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މިހާރު އެމްޑީޕީ އިން އެ މަސައްކަތް ފަށައިގެން އުޅެނީ އިންތިހާބީ ރައީސަށް އަދި ދެން އަންނަ ސަރުކާރަށް ޖެއްސުމަށް ކަމަށެވެ.
“ޖުޑިޝަރީ އިސްލާހު ކުރުމުގެ މަސައްކަތަކީ އެމްޑީޕީން ފަށާ، އޭގެ ބޭނުން ހިފައިގެން ވެރިކަމަށް އައިސް އަދި މަޖިލީހުގެ މެޖޯރިޓީވެސް ހޯދާ ރައްޔިތުންނަށް އޮޅުވާލާ ‘ދޯކާ’ ދީފަ އޮތް މައްސަލައެއް.” އާދަމް ޝަރީފް ވިދާޅުވިއެވެ. އިތުރަށް އާދަމް ޝަރީފް ވިދާޅުވީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، މަޖިލިސް ހަރާބުކޮށް ނަތީޖާ އެއް ނުނެރެވޭނެ ފަދަ ތަނަކަށް ހެދީ އެމްޑީޕީންކަމަށެވެ. ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަށްޓަކައި މަޖިލީހުންވެސް ފުރުސަތު ފަހިކޮށް ދިންކަމަށް އާދަމް ޝަރީފްވަނި ތުހުމަތުކުރައްވާފައެވެ.
ޖޭއެސްސީ އިސްލާހުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަކީ އެއްވެސް އިހުލާސްތެރިކަމެއް ހުރެގެން ކޮށްފައިވާ ކަމެއް ނޫންކަން ފާހަގަކޮށް އާދަމް ޝަރީފް ވިދާޅުވީ މިހާރު މި އިސްލާހުތައް ގެނައުމުގެ ބަދަލުގައި، އެންމެ ރަނގަޅު ގޮތަކީ އިންތިހާބީ ރައީސަށް އެ ފުރުސަތު ދިނުން ކަމަށެވެ.