English Edition
Dhivehi Edition

އިޓަލީގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 25 ރަށެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ހަރުކުރުމުގެ މަޝްރޫއެއް ހިންގަން ފަށައިފިއެވެ.

މިއީ ޕްރޮޖެކްޓަކީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެމުންގެންދާ މޫސުމާބެހޭ މަޢުލޫމާތުތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އެކުލަވާލެވިފައިވާ ޕްރޮޖެކްޓެކެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ އިޓަލީ ވިލާތުގެ ސީ.އޭ.އީ. ކުންފުންޏާއެވެ. މަސައްކަތުގެ އަގަކީ އެގާރަ މިލިއަން އަށް ލައްކަ ހަތްދިހަ ހަތް ހާސް ހަ ސަތޭކަ އަށްޑިހަ ހަތަރު ރުފިޔާ ނުވަދިހަ ދެ ލާރި އެވެ.

މިއީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގައި، މެޓް އޮފީހުގެ އިދާރާއެއް ޤާއިމުކުރެވިފައިނެތް ސަރަހައްދުތަކުގެ މޫސުންވެސް ސީދާ ކަމާއެކު ފުރިހަމައަށް ގެނެސްދިނުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މެޓް އޮފީހުގެ ފަރާތުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ މޫސުމާއިބެހޭ މަޢުލޫމާތު ހޯދާ ދެނެގަތުމުގެ ގާބިލުކަން އިތުރަށް ފުޅާކޮށް، މުޅި ރާއްޖެ ކަވަރު ކުރެވޭގޮތަށް “މޫސުމީ ވިޔުގަ” އެއް ގާއިމު ކުރުމަކީވެސް މުހިންމު އަމާޒެއް ކަމަށް މެޓުން ވިދާޅުވިއެވެ. މީގެސަބަބުން މެޓް އޮފީހުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު މަތިވެ، އާންމުން ގަބޫލުކުރާފަދަ އިތުބާރު މައުލޫމާތު ލިބުމަށް މަގުފަހިވާނެއެވެ.

މިއެއްބަސްވުމުގައި މެޓް އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ، ތާރިގު އިބްރާހީމެވެ. ސީ.އޭ.އީ. ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ނައިބު ރައީސް ޖިއާންކާލޯ މާރިއާ ޕެޑްރީނީ އެވެ.

އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް މެޓުން ލަފާކުރެއެވެ.