English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ތާއީދު ކުރަން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ނިންމުމާއި ގުޅިގެން އެކަން ޕްރޮގްރެސިވް ކޯލިޝަނުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ 2023 ސެޕްޓެމްބަރ 30 ވާ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ކޯލިޝަންގެ އަދި ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް ޑރ، މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފަށް ތާއީދު ކުރައްވަން އެމްޑީއޭ އިން ނިންމެވި ނިންމެވުން އެ ކޯލިޝަންގެ އެންމެހާ މެންބަރުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.

މީގެ އިތުރުން އެމްޑީއޭ އިން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންގ މޭޓަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ، އެ ކޯލިޝަންގެ ލީޑަރު ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، ރަނިންގ މޭޓް ޙުސައިން މުޙައްމަދު ލަޠިފާއި، މިކޯލިޝަންގެ ލީޑަރޝިޕާއި ޢާންމު މެންބަރުގެ ފަރާތްޕުޅުން އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމާއި، އެމްޑީއޭގެ ލީޑަރޝިޕް އަދި ކައުންސިލާއި އެންމެހާ މެންބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހާއެކު ކޯލިޝަން ހަދައި، ގިނަ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ވެސް އެމްޑީއޭ އިން ބައިވެރިވެފައިވާއިރު، ކުއްލިގޮތަކަށް އެ ކޯލިޝަންގެ ޖަލްސާތަކުން އެމްޑީއޭގެ ލީޑަރު އަދި އެ ޕާޓީގެ ރައީސް އަހްމަދު ސިޔާމް ވަނީ ގެއްލިފައެވެ.

އެއަށްފަހު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމާފައިވަނީ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި އެގޮތަށް ނިންމި އިރު، ކައުންސިލަށް ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސްއެވެ. އެކަމަށް ތާއީދު ކުރެއްވީ އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފެވެ.