English Edition
Dhivehi Edition
އުރީދޫ މޯލްޑިވްސްގެ މައި އޮފީސް / ފޮޓޯ: ރައީސް އޮފީސް

އުރީދޫ މޯލްޑިވްސްގެ ޒަމާނީ މައި އޮފީސް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އޮފީސް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. ރޭ މި އިމާރާތް އިފްތިތާހު ކުރުމުގެ ގޮތުން މުޅި އިމާރާތް އަލިފާނުގެ ފަރުދާއަކާއި ހިތްގައިމު ހަވާ އެރުވުމުގެ ކުލަތަކުން މުޅި އިމާރާތް ވަނީ ދިއްލާލާފައެވެ.

އުރީދޫން ބުނީ، 11 ބުރީގެ މި އިމާރާތުގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކާއި ކްލަބް ޕްރިމިއާ ލައުންޖެއް ހުންނައިރު ކަސްޓަމަރުންނަށް ގިނަ ހިދުމަތްތަކެއް ލިބޭނެ ކަމަށެވެ. ހުޅުމާލޭގެ މެދުގައި ބިނާކޮށްފައިވާ މި އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކޮށްފައިވާ ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އިތުރަށް އުރީދޫ އިން ބުނީ މި އިމާރާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި އެތައް ސިފަތަކެއް ހިމެނޭ އިރު، އިރުގެ ހޫނުން ސަލާމަތްވުމުގެ އިތުރުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް އިމާރާތުގެ ބޭރުގައި ބޭނުންކުރެވިފައިވަނީ ލެމިނޭޓެޑް ޓެމްޕާޑް ބިއްލޫރިކަމަށެވެ. އަދި މި އިމާރާތުގައި ތާޒާ ވައިގެ ސަޕްލައި ސިސްޓަމަކާ ލައިޓިން މެނޭޖްމަންޓް ސިސްޓަމާއި ސޯލާ ޕެނަލްގެ އިތުރުން ފެން ހަރަދު ސަލާމަތް ކުރުމަށް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމެއް ވެސް ހިމެނޭކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

މި އިމާރާތް ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ފަޔަރ ރޭޓެޑް ދޮރުތަކާއި ފަޔާ ރޭޓެޑް ބިއްލޫރި އަދި އޮޓޮމެޓިކް ފަޔާ ސޭފްޓީ ސިސްޓަމް ގާއިމްކުރެވިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، އަޒީޒް އަލް އުސްމާން ފަހްރޫ ވިދާޅުވީ، ރާއްޖެ އަކީ ޑިޖިޓަލް ހިދުމަތްތަކުން މުޖުތަމައުތައް ބިނާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުރީދޫ ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގައި ވަރަށް ހާއްސަ ޖާގައެއް އޮތް ގައުމެއް ކަމަށެވެ. އަދި މި އާ އޮފީހަކީ ޑިޖިޓަލް ދިވެހި ރާއްޖެއެއް ބިނާކުރުމުގެ އަޒުމުގައި ފާއިތުވި އަހަރުތަކުގައި އުރީދޫ އިން ކޮށްފައިވާ އިންވެސްޓްމަންޓްތަކުގެ ރަމްޒެއްކަމަށް ވިދާޅުވިއެވެ. “ޑިޖިޓަލް ޙިދުމަތްތައް ކުރިއެރުވުމަށް ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ގެނެސް ރާއްޖޭގެ ޑިޖިޓަލް މުސްތަގުބަލު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ކުރާ މަސައްކަތުގައި ދެމެހެއްޓެނިވި ގޮތެއްގައި ދެމިތިބޭނެ ކަމުގެ ހެއްކެއް” ޒީޒް އަލް އުސްމާން ފަހްރޫ ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސް އާ އޮފީސް ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވީ، އުރީދޫ މޯލްޑިވްސް އަކީ ވޭތުވެދިޔަ 18 އަހަރުން ފެށިގެން ޓެލެކޮމިއުނިކޭޝަން ދާއިރާގެ ތަނބެއް ކަމަށެވެ. އުރީދޫ ގެ ޓީމުން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ ހިދުމަތެއްކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ. މި ގޮތުން ރާއްޖޭގައި ފުރަތަމަ 4ޖީ ނެޓްވޯކް ތައާރަފްކުރުމާއި، އީޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފްކުރުމާއި، އިޖުތިމާއީ އަދި ތިމާވެށީގެ ކަންކަމަށާއި އެހެނިހެން އިޖްތިމާއީ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ގިނަ ގުނަ ހިދުމަތްތައް ހިމެނޭކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވިފައިވާ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، މުނިފޫހިފިލުވުމަށް ހާއްސަ އޭރިއާ އާއި، ކުއަޓް ރޫމްސް، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ޕާކިން އޭރިއާ ގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސަރަހައްދަކާއި ޖިމް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.