ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ އެޑްވައިޒަރު އަބްދުالله ޖިހާދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ގެ ފަހަތްޕުޅަށް އަރާވަޑައިގެންފި އެވެ.
ގިރާވަރު ކޮމިއުނިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޑރ މުއިއްޒު ބޭއްވި ހަފްލާގައި ޖިހާދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ އިތުރު މެމްބަރުންތައް ވަނީ ޑރ މުއިއްޒަށް ތާއީދުކުރަން ނިންމަވާފައިވާކަން ރަސްމީކޮށް އިއުލާނުކުރައްވާ އެމަނިކުފާނުގެ ކެމްޕޭނާއި ގުޅިވަޑައިގެންފަ އެވެ.
އިއްޔެ ޑރ މުއިއްޒަށް ތާއީދުކުރައްވަން ނިންމެވި ބޭފުޅުންގެ ތެރޭގައި:
– ޖުމްހޫރީ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރަކަށް ހުންނެވި ޑރ.އިރުތިޝާމް އަލީ
– ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ.އައިޝަތު ނާޒް،
– ފިލްމީ ތަރި އާމިނަތު ރިޝްފާ،
– ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ މުހައްމަދު ނާޒިލް،
– ޖުމްހޫރީޕާޓީގެ ޒުވާނުންގެ ލީގުގެ ރައީސްގެ މަޤާމުގައި ހުންނެވި ކުރީގެ މެންބަރ ޔާމިން ރަޝީދު،
– ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރުގެ މަޤާމުގައި ހުންނެވި ހަސަން މުޤުނީ،
– ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަލްއުސްތާޒު އަލީ އިބްރާހިމް ދީދީ،
– ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ އަދީލް އަލީ،
– ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރ މުހައްމަދު ޝާހިދު،
– މަޝްހޫރު ބައިބަލާ ތަރި ބީޖީ ސަނީ،
– އަދި ގާފަރު ކޮމިއުނިޓީއަށް ނިސްބަތްވާ ވިޔަފާރިވެރިޔެއް ކަމަށްވާ އަބްދުﷲ މާޖިދު ހިމެނެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ނާކާމިޔާބުވުމުން،ޖުމްހޫރީ ޕާޓީން ވަނީ ދެވަނަ ބުރުގައި ވަކި ފަރާތަކަށް ނުޖެހުމަށް ނިންމާފަ އެވެ. އެގޮތުން ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދާނީ އެ ޕާޓީ ކުރިއެރުވުމަށް ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ފަޅިއެއް ނުނަގާނެކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް އެފަހުން ޕާޓީގައި އިސްކޮށް ހަރަކާތްތެރިވި ވަރަށް ގިނަ ބަޔަކު ދަނީ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދު ކުރާކަން ހާމަ ކުރަމުންނެވެ.