English Edition
Dhivehi Edition

ދައުލަތުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން އެއް ބިލިއަން ޑޮލަރު، 2026 ވަނަ އަހަރުގެ ކުރިން ދައްކަންޖެހޭ ކަމަށް ކުރީގެ ނައިބް ރައީސް އަދި ޖުމްހޫރީ ޕާޓީ ގެ ސްޕެޝަލް އެޑްވައިޒަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ބާއްވާ ޖަގަހަ ޖަލްސާގައި ވަހަކަދައްކަމުން ޖިހާދު ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ބަޖެޓްގެ ޑެފިސެޓް 62 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށާ މިއީ ހާސްވާންޖެހޭ ކަމެއް ކަމަށެވެ. 2026 ވަނަ އަހަރުގެ ކުރިން ނަގާފައިވަ ލޯނުތަކަށް އެއްބިލިއަން ޑޮލަރު ދައްކަން ޖެހޭކަން ފާހަގަކޮށް ޖިހާދު ވިދާޅުވީ މިއީ ކޮންމެ ކެންޑިޑޭޓަކު ވެރިކަމަށް އިންތިހާބުވި ނަމަވެސް ކުރަންޖެހޭކަމެއް ކަމަށެވެ.

ދައުލަތަށް މިހާރު ލިބޭ އަމްދަނީގެ ޖުމްލަ 900 ބިލިއަން ޑޮލަރުގައި އުޅޭއިރު ދައުލަތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށްފަހު މި ލޯނުތައް ދައްކާނެ ގޮތަކާމެދު ޖިހާދު ވަނީ ސުވާލު އުފައްދަވާފައެވެ. މީގެ އިތުރުން ޖިހާދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އޮތީ ގަބޫލު ކުރާ ފެންވަރަށް ވުރެ މާ ދަށުގައިކަމަށާ ދިވެހި ރައްޔިތުން ތިބީ ދަރެނިވެރިކަމާއެކު ހާސްކަމެއްގައި ކަމަށެވެ.

ޖޭޕީ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަކީ ބަޖެޓް ހަދަން އެނގިވަޑައިގަންނަވާ އަދި ބަޖެޓް މެނޭޖް ކުރަންވެސް އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އެހެންކަމުން މިހުރިހާ ހާސްކަމެއްގެ ހައްލަކީ ގާސިމްކަން ޖިހާދު ވަނީ ފާހަގަކުރައްވާފައެވެ.