English Edition
Dhivehi Edition

މިހާރު ކުރިއަށްދާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުތަކުން ގްރީސް އާއި ނެދަލެންޑްސް މޮޅުވެއްޖެއެވެ.

ކޮލިފައިން ގުރޫޕް ބީގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ގްރީސް މޮޅުވީ ގިބްރާލްޓާ އާއި ވާދަކޮށް 0-5 ގެ ނަތީޖާއިންނެވެ. އަދި ނެދަލެންޑްސް މޮޅުވީ އަޔަލެންޑާއި ވާދަކޮށް 1-2 ގެ ނަތީޖާއިންނެވެ.

ރޭގެ މި މޮޅާއި އެކު ގްރީސް އޮތީ ކުޅުނު ފަސް މެޗުން 9 ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ތިންވަނާގައެވެ. އަދި ނެދަލެންޑްސް އޮތީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓު ލިބިގެން ދެވަނާގައެވެ.

ގްރީސް އަދި ގިބްރާލްޓާ ބައްދަލުކުރި މެޗުގެ ފުރަތަމަ ލަނޑުޖަހާ ގްރީސްއިން ލީޑު ނެގީ މެޗު ފެށިގެން ނުވަނަ މިނެޓުގައެވެ. ގްރީސްއަށް ލީޑުނަގައިދިނީ ޕެލްކާސްއެވެ. ގްރީސްގެ ދެވަނަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ޖަހައިދިނީ މަވްރޯޕާނޯސްއެވެ. އެޓީމުގެ ތިންވަނަ ލަަނޑު 70 ވަނަ މިނެޓުގައި ޖަހައިދިނީ މަސައުރޯސްއެވެ. ހަތަރުވަނަަލަނޑު 83 ވަނަ މިނެޓުގައި މަވްރޯޕާނޮސްޖަހައިދިން އިރު، ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ މައުރޯސްއެވެ.

މިއީ ޔޫރޯ ކޮލިފައިންގައި ގްރީސް ކުޅުނު މެޗުތަކުން އެޓީމުން ހޯދި ތިންވަނަ މެޗެވެ.

ނެދަލެންޑްސް އަދި އަޔަލެންޑް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީ އަޔަލެންޑުންނެވެ. ލިބުނު ޕެނަލްޓީ އަކުން އަޔަލެންޑުން މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ޖަހައިދިނީ އިޑާހްއެވެ. މެޗުގެ 19 ވަނަ މިނެޓުގައި ނެދަލެންޑްސް އިން މެޗުގެ ނަތީޖާ އެއްވަރުކުރީ ލިބުނު ޕެނަލްޓީއެއްގައި ގަކްޕޯ ޖަހައިދިން ލަނޑުންނެވެ. މި މެޗުގައި ނެދަލެންޑްސް އިން އެޓީމު މޮޅުވި ލަނޑު ޖަހައިދިނީ ފަހު ހާފުގެ 53 ވަނަ މިނެޓުގައި ވެގްހޯސްޓްއެވެ.

މިއީ މިފަހަރުގެ ކޮލިފައިންގައި ނެދަލެންޑްސް ހޯދި ތިންވަނަ މޮޅެވެ.