English Edition
Dhivehi Edition
ފޮޓޯ: ޓްވިޓަރ

ދިވެހިރާއްޖެއިން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ދައްކަންޖެހޭ ދަރަނި ދެއްކުމަށް ގެންގުޅޭނެ ސިޔާސަތަކީ ރީފައިނޭންސް ކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖޭގެ ރައީސްސުލްޖުމްހޫރިއްޔާ އިބުރާހިމް މުޙައްމަދު ޞާލިހި ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ރޭ ކުރިޔަށް ގެންދިޔަ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2026 ވަނަ އަހަރު ފައިސާ ދައްކާނެ ގޮތުގެ ސިޔާސަތެއް ޕްލޭން ކޮށްފައިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ދައްކަންޖެހޭ ދަރަނި ދެއްކުމަށް ގެންގުޅޭނެ ސިޔާސަތަކީ ރީފައިނޭންސް ކުރުން ކަމަށެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ބަހުސްގައި ބޮޑު ދަރަންޏާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދަރަނީގެ ގޮތުގައި 2026ގައި ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރު ކަމަށާއި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް އެބަ އޮތް ކަމަށެވެ.

އަދި އެގޮތަކީ އޭގެ ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރުން ކަމަށް ވިދާޅުވި އެވެ. އެއީ ފައިސާ ދެއްކުމަށް ދަށް އަގެއްގައި ލޯނު ނަގައިގެން ފައިސާ ދެއްކުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“2026 ގައި ދަރަނި ދައްކާނެ ގޮތުގެ ޕްލޭނެއް އެބަ އޮތް، އޭގެތެރެއިން ދެބައިކޮށްފައި އެއްބައި ރީފައިނޭންސް ކުރުން، މާކެޓަށް ގޮސް ފައިސާ ހޯދާނެ ގޮތް އަޅުގަނޑުމެންނަށް އެނގޭ، ކޯވިޑު ތެރޭގައި އަޅުގަނޑުމެން ވާނީ އެކަން ހާމަކޮށްފައި،” ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެ އަހަރު ދައްކަންޖެހޭ ބާކީ ފައިސާ ހޯއްދަވާނީ ފޮރިން ޑިވެލޮޕްމަންޓު ފަންޑު ބޮޑު ކޮށްގެން ކަމަށެވެ.