English Edition
Dhivehi Edition

މި ސަރުކާރަށް ފަސް އަހަރު ވެގެން ދާއިރު، ގދ. އިސްލާމީ މަރުކަޒުގެ މަގުސަދު ހާސިލްނުވެ ދަނީ ވީރާނާ ވަމުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓްގެ އަރިހުގައި ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުގައި ތިނަދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

ޑރ. މުއިއްޒުގެ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ ތިނަދޫއަށް ދިއުމުން ރައީސް ޔާމީން ގާއިމްކުރި އިސްލާމީ މަރުކަޒު، ޕީޕީއެމްގެ ވެރިކަން އަލުން އިޔާދަވުމަށް އެދެމުންދާކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓަށް ހުންނެވި ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒު ގާއިމްކުރީ ހުވަދު އަތޮޅުގެ އިސްލާމީ މައި މަރުކަޒަކަށް އެތަން ހަދައި އިސްލާމީ ޔުނިވަރސިޓީގެ މައިމަރުކަޒަށް އެތަން ހެދުމުގެ މަތިވެރި މަގުސަދުގައި ކަމަށެވެ.

އެހެންނަމަވެސް މިސަރުކާރުން ވެރިކަމާއި ހަވާލުވެ، މިވީ ފަސް އަހަރުގައި އެތަނުގައި ކުލަކޮޅެެއް ވެސް ނުލާ ކަމަށާއި ވާނެ ގޮތެއްވާން ދޫކޮށްލާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ މިފަދަ މަތިވެރި ބިނާއަކަށް ވަމުންދާ ބޮޑު އިހުމާލެއް ކަމަށް ވިދާޅުވިއެވެ.

މިއީ އެތައް މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ އިމާރާތަކަށްވާއިރު، އެތަނުގެ ބޭނުމެއް ނުކުރެވޭ ކަމީ ހިތާމަހުރި ކަމެއް ކަމަށާއި މިނޫނަސް ތިނަދޫގެ ތަރައްޤީއަށް ރައީސް ޔާމީން ކޮށްދެއްވި ޚިދުމަތްތަކީ ކޮންމެ ދިމާލަކުން ވެސް ފެންނަންހުރި ޚިދުމަތްތަކެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ތިނަދޫއަށް އެކަނި ރައީސް ޔާމީންގެ ވެރިކަމުގައި އެއް ބިލިޔަން ރުފިޔާ ހޭދަ ކުރައްވައި ތަރައްޤީގެ އާ ޒަމާނެއް ގެނެސް ދެއްވިކަމަށް ވެސް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ހުވަދު އަތޮޅުން ފެނިގެންދަނީ ރައީސް ޔާމީންގެ ތަރައްޤީ އަލުން އިޔާދަވުމަށް އެދޭ މަންޒަރު ކަމަށާއި މިއިންތިޚާބު އެއްބުރުން ކާމިޔާބުކޮށް ޑރ. މުއިއްޒު އެކަން ހާސިލް ކޮށްދެެއްވާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ.

ޑރ. މުއިއްޒުގެ ވެރިކަމެއްގައި ތިނަދޫ އިސްލާމީ މަރުކަޒަކީ އިސްލާމިކް ޔުނިވަރސިޓީގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.