English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ދިޔަމިގިލީ ފެނަކަ އައު އޮފީސް ޢިމާރާތް އަދި ކުޑަކުދިންގެ ޕާކު ހުޅުއްވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިތަންތަން ހުޅުއްވައި ދެއްވީ، މިއަދު އެމަނިކުފާނު ކޮޅުމަޑުލަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު އެރަށަށް ކުރެއްވި ޒިޔާރަތުގައެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޒަމާނީ އޮފީސް ޢިމާރާތެކެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި ދިޔަމިގިލީ ކުޑަކުދިންގެ ޕާކަކީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ދިޔަމިގިލީ ކައުންސިލް، އަދި ފެނަކަ ކޯޕަރޭޝަންގެ އެހީތެރިކަމާއިއެކު ހަދާފައިވާ ޕާކެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.