ރައްޔިތުންގެ މަޖިލީހުގައި ދަ ޑިމޮކްރެޓްސް ތަމްސީލް ކުރައްވާ ހުރިހާ މެންބަރުން، ޕާޓީ ބަދަލު ކުރި ކަމުގެ ސިޓީ މަޖިލީހަށް ހުށަހަޅައިފިއެވެ.
ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ އިންތިޚާބީ ތަރުޖަމާނު، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައިވާ 15 މެންބަރުން ވެސް ޕާޓީ ބަދަލު ކުރިކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް މިއަދު އަންގާފައި ވާނެ ކަމަށެވެ.
ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސަތުގައި އިންނަވައި ރައީސް މުހައްމަދު ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ސޮއި ކުރި ކަމުގެ ސިޓީ މަޖިލީހަށް ނުލިބޭތީ ކޮމިޓީތައް ކަނޑައެޅުން ކުރިއަށް ނުގެންދިޔުމަށް ނިންމަވާފައިވާ ކަން އިއުލާން ކުރައްވާފައެވެ.
މަޖިލީހުގެ ދަފުތަރަށް އައި ބަދަލާއި އެކު ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ނިމިފައިވީ ނަމަވެސް ޑިމޮކްރެޓްސްގެ ބައެއް މެންބަރުން އެ ޕާޓީއަށް ސޮއި ކުރި ކަމުގެ ލިޔުން ރައްޔިތުންގެ މަޖިލީހަށް ލިބިފައިނުވާތީ މަޖިލީހުގެ މި ދައުރުގެ މަސައްކަތްތައް އޮތީ މަޑު ޖެހިފައެވެ.
އެކަމަށް އިޝާރާތް ކުރައްވައި އިމްތިޔާޒް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި އެ ޕާޓީ ހުރަހަކަށް ނުވާނެ ކަމަށާއި، ޕާޓީގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އަދި، މީގެ ކުރިން ވެސް ވިދާޅުވަމުން އައި ވިދާޅުވުން ތަކުރާރު ކުރައްވައި އިމްތިޔާޒް ވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވަނީ ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މެންބަރުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުރުން ދެ ވަޒީރެއްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް، ކޮމިޓީތައް އަލުން އެކުލަވާ ނުލެވި، އެ ހުރިހާ މައްސަލަތަކެއް މިހާރު ވަނީ މަޑު ޖެހިފައެވެ.
މިހާރު މަޖިލީހުގެ ދަފުތަރު އެކުލެވިގެންވާ ގޮތަށް ބަލާއިރު، އެމްޑީޕީގައި 56 މެންބަރުން، ޑިމޮކްރެޓްސްގައި 14 މެންބަރުން، ޕީޕީއެމްގައި ފަސް މެންބަރުން، ޕީއެންސީ އަދި އެމްއެންޕީގައި ތިން މެންބަރުންގެ އިތުރުން، ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގައި ދެ މެންބަރުން ތިބި އިރު ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރަކު ހިމެނެއެވެ.