English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ފެނާއި ނަރުދަމާގެ ނިޒާމްގެ ޚިދުމަތާއި އެއަތޮޅު އިންނަމާދޫ ފެނުގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިޚިދުމަތްތައް ފަށްޓަވައިދެއްވީ އެމަނިކުފާނު މިހާރު، ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީ ގޮތުން ޚިދުމަތް ފަށްޓަވައިދެއްވި ރ. އިނގުރައިދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކޮށްފައި ވަނީ، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި، އިންނަމާދޫ ފެނުގެ ނިޒާމް ޤާއިމްކޮށްފައި ވަނީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބުލިޔު.އެސް.ސީ)އާ ޙަވާލުކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންނަށް ސާފުބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށްދިނުމުގެ މަޝްރޫޢުތަކަކީ، މިސަރުކާރުގެ މިދައުރުގެ ތެރޭގައި އެންމެ އިސްކަންދީގެން ހިންގާފައިވާ މަޝްރޫޢުތަކެވެ. މީގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.