ޕީއެންސީގެ ވެރިކަމެއްގައި ހުރިހާ ޕާކިން ޖޫރިމަނާ މާފުކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ށ.ފުނަދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ޕާކިންގެ މައްސަލަ އަކީ ހައްލު ހޯދައި ދެވޭނެ މައްސަލައަކަށް ވާއިރު މި ސަރުކާރުން މާލޭގައި ޕާކު ކުރާނެ ޖާގައެއް ނުވަތަ އިމާރާތެއް ހެދުމަށް ހުއްދަ ނުދީ ޖޫރިމަނާ ކުރަމުން ގެންދާ ކަަމަށެވެ.
މި ސަރުކާރުން ވެހިކަލްތަކުގައި ސްޓިކާ ޖަހައިގެން ކުރަމުންދާ ޖޫރިމަނާއަށް ފާޑުވިދާޅުވެ މުއިއްޒު ވިދާޅުވީ މިއީ މި ސަރުކާރުގެ ދޯހަޅި، ދެކޮޅުނުޖެހޭ ސިޔާސަތުތަކުގެ ތެރެއިން ދިމާވާ ކަމެއް ކަމަށެވެ. އަދި މި ސަރުކާރަށް އެންމެ ގިނައިން އާމްދަނީ ލިބޭ އެއް ކަމަކީ ޖޫރިމަނާ ފައިސާކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ސިޓީ ކައުންސިލުން ޕާކިން ބިލްޑިންތަކެއް އަޅަން އުޅުމުން އެކަން ހުއްޓުވާފައިވާ ކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި މިހާރުވެސް ޕްލޭންކޮށް ކުރިއަށް ގެންދެވޭނެ ހުރިހާ ގޮތެއް ނިންމާފައިވާ އެ މަޝްރޫއާ އެއްގޮތަށް މާލޭގެ އެކި ސަރަހައްދުތަކުގައި ބުރިބުރިއަށް ހުންނަ ޕާކިން ބިލްޑިންތައް އަޅައިދޭނެ ކަމަށެވެ.