ސްރީލަންކާގައި މިހާރު އުޅެމުންދާ ދިވެހިން މޫސުމަށް ސަމާލުވެ ރައްކާތެރިވެ ތިބުމަށް ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އިލްތިމާސް ކުރައްވައިފިއެވެ.
ސަފީރު މުހައްމަދު ހުސައިން ޝަރީފް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްރީލަންކާއަށްވަނީ ތިންވަނަ ފަހަރަށް ރެޑުއެލާޓް ނެރެފައި ކަމަށެވެ.
ލަންކާއަށް ތޫފާން އެރުމުގެ ސަބަބުންވަނީ ދިވެހިންއުޅޭ ބައެއްގެތަކަށް ގެއްލުންވެސް ވެފައެވެ. އަދި އެގައުމުގެ ފަސް މީހަކުވެސްވަނީ މަރުވެފައެވެ. އިތުރު މީހަކު ވީނުވީއެއްނޭނގި ވަނީ ގެއްލިފައެވެ.
ލަންކާ ފުލުހުން ބުނެފައިވަނީ މަރުވެފައިވަނީ ތިން މަސްވެރިންނާއި އިތުރު ދެމީހެއް ކަމަށެވެ. ގެއްލިފައިވަނީވެސް މަސްވެރިއެއް ކަމަށް ބެލެވެއެވެ. މޫސުން ގޯސްވެ ހިނގި ހާދިސާތަކުގައި ބައެއް މީހުންނަށްވަނީ އެކިވަރުގެ އަނިޔާވެސް ވެފައެވެ. ލަންކާއަށްއެރި ތޫފާން މިހާރުދަނީ ލަކްޝަދީބާ ދިމާއަށް ކަމަށް ވެއެވެ.