English Edition
Dhivehi Edition
ފޮޓޯ: އަލް ނަޞްރު އެފްބީ ޕޭޖް

ސައުދީ ޕްރޮފެޝަނަލް ލީގު 2023/24 ގެ ސޯޒަން ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުން އަލް ނަޞްރު ބަލިވެއްޖެއެވެ.

އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނުލާ އަލް އިއްތިފާޤާއި ދެކޮޅަށް އަލް ނަޞްރު ކުޅުނު މެޗުން އެޓީމު ބަލިވީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އަލް ނަޝްރުންނެވެ. އަލް އިއްތިފާޤުން އަލް ނަޞްރު ބަލިކުރީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

ރޭގެ މެޗު އަލް ނަޞްރުން ފެށީ ވަރަށް ރަނގަޅަށެވެ. އެގޮތުން މެޗުގެ ކުރީކޮޅު ލަނޑު ޖަހަން ފުރުސަތުވެސް ތަނަވަސްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި އަލް ހައްސާން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަދިއޯ މާނޭ ވަނީ ލަނޑުޖަހާ އަލް ނަޞްރަށް ލީޑު ނަގައިދީފައެވެ.

މި ލީޑާއި އެކު މެޗުގެ ފުރަތަމަ ހާފު ނަޞްރުން ނިންމާލި ނަމަވެސް ފަހު ހާފަށް ކުޅެން ނުކުމެ އަލް އިއްތިފާޤުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ގިނަ ވަގުތު އަލް ނަޞްރުގެ ފާހުގެ ތެރޭގައި ބޯޅަ ގެންގުޅެ ހަމަލާތައް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 47 ވަނަ މިނެޓުގައި އަލް ހަޒާޒީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސުވިޑުން ފޯވާޑް ރޮބިން ގައިސަން ވަނީ ލަނޑެއް ޖަހާ އަލް އިއްތިފާޤަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑަށް ފަހު ވެސް އަލް އިއްތިފާޤުން ރަނގަޅަށް ކުޅުނުއިރު، 53 ވަނަ މިނެޓުގައި މޫސާ ޑެމްބެލޭ ވަނީ އިއްތިފާޤުގެ ދެވަނަ ލަނޑު ޖަހައިދީ ލީޑު ނަގާފައެވެ. މެޗުގެ ކުޅުން ނިމުނީ އަލް އިއްތިފާޤު ލީޑުގައި އޮވެގެންނެވެ.