ރާއްޖޭގެ ހުރިހާ ބޭންކުތަކުން ވެސް ގެދޮރުވެރިކަމަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަމަށާ ގެދޮރުވެރިކަމުގެ މައްސަަލަ ހައްލު ކުރުމަކީ އެންމެ މުހިންމު އެއް ސިޔާސަތަަށް ވާން ޖެހޭކަމަށެވެ.
ކުޅުދުއްފުށީގައިވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ ހަމައެކަނި ގޯތި ދިނުމާއި ފްލެޓް އެޅުން އެކަނި ނޫންކަމަށެވެ. ގޯއްޗެއް ދިނަސް ގެދޮރު ބިނާވެގެން ނުދާ ކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު އެންމެ މައްޗަށް ބައްޓަން ކޮށްފިނަމަ ގެދޮރު ބިނާކުރަން ކޮންމެ ރައްޔިތަކަށް ވެސް ފުރުސަތުތައް ފަހިކޮށްދެވޭނެ ކަމަށެވެ.
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މުއިއްޒު ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރައްވަމުން ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި އެމްއެމްްއޭއިން ފެށިގެން ބީއެމްއެލް އަދި ދެން ވެސް ރާއްޖޭގައި އޮޕަރޭޓް ކުރާ ކޮމާޝަލް ބޭންކުތަކުން، ފަސޭހަ ކަމާއެކު އަތް ފޯރާ ފަށުގައި ލިބޭ ލޯން ސްކީމްތައް ތައާރަފް ކުރެވިގެންދާނެ ކަމަށެވެ.
ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެވެސް ހައްގެއް ކަން ފާހަގަކުރައްވަމުން މުިއްޒު ވިދާޅުވީ އެ މަނިކުފާނުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ރާއްޖޭގައި ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަަލަ ހައްލުކުރުން ކަމަށެވެ.