English Edition
Dhivehi Edition

އަރަބި ލީގުތަކުގެ ޓޮޕް ޑިވިސަންގެ ކުލަބުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް އަރަބް ކުލަބް ޗެމްޕިއަންޝިޕް ނުވަތަ ކިންގް ސަލްމާން ކަޕްގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ.

މިރޭގެ ފައިނަލުގައި ބައްދަލުކުރަނީ ސައުދީ އަރަބިއާގެ ޕްރޮފެޝަނަލް ލީގަށް ނިސްބަތްވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަޞްރާއި އަލް ހިލާލްއެވެ. މި ދެ ކުލަބަކީ ވެސް މިފަހަރުގެ ޓްރާންސްފާގައި ޔޫރަޕްގެ ޓޮޕް ލެވެލްގެ ގިނަ ކުޅުންތެރިންތަކެއް ގެނެސްފައިވާ ދެ ކުލަބެވެ.

އަލް ނަޞްރަށް ބަލާއިރު، ރޮނާލްޑޮގެ އިތުރުން ސެނެގާލްގެ އިތުބާރު ފޯވާޑް ސަދިއޯ މާނޭ އާއި ކްރޮއޭޝިއާގެ މާސެލޯ ބްރޮންޒޮވިޗްގެ އިތުރުން ބްރެޒިލްގެ އިތުބާރު ޑިފެންޑަރ އަލެކްސް ޓެލޭސް ފަދަ ކުޅުންތެރިން ހިމެނެއެވެ. އަދި ފައިނަލުގައި އަލް ނަޞްރާއި ދެކޮޅަށް ނުކުންނަ އަލް ހިލާލްގައި ކަލިދޫ ކުލިބާލީ، ރޮބެން ނެވޭސް، މިލިންކޮވިޗް ސަވިޗްގެ އިތުރުން މަލްކޮމް ފަދަ ކުޅުންތެރިން ހިމެނެއެވެ.

މަޝްޙޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ މި ކުލަބުގެ ކުރިމަތިލުން ވަރަށް ފޯރިގަދަވެފަ ވާދަވެރިވާނޭ ކަމަށް ބެލެވެއެވެ.

އަލް ނަޞްރު ފައިނަލުން ޖާގަ ހޯދީ ސެމީގައި އިރާގުގެ އަލް ޝުރުތާ ބަލިކުރުމަށް ފަހުގައެވެ. އަދި އަލް ހިލާން ފައިނަލުން ޖާގަ ހޯދީ ސެމީގައި އަލް ޝަބާބް ބަލިކޮށްގެންނެވެ.

ރަނގަޅު ފޯމެއްގައި ދެ ޓީމުންވެސް މިރޭގެ ފައިނަލާއި ކުރިމަތިލާއިރު، ދެޓީމުންކުރެ ޓީމެއްގައި އަނިޔާގެ މައްސަލަތަކެއް ނެތެވެ. އަލް ނަޞްރުގައި އަނިޔާގެ މައްސަލައެއް ވެސް އަސި ސަސްޕެންޝަނުގެ މައްސަލައެއް ވެސް ނެތްއިރު، އަލް ހިލާލްގެ އެއްނަމްބަރު ގޯލް ކީޕަރަށް މިރޭގެ ފައިނަލުގައި ނުކުޅެވެއެވެ. އޭނާއަށް ނުކުޅެވެނީ ސެމީ ފައިނަލުގައި އަލް ޝަބާބްއާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުން ސަސްޕެންޝަނުގައި ހުރުމުންނެވެ. އެޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނެތެވެ.

ދެޓީމުންގެ މިރޭގެ މެޗުގެ ފުރަތަމަ 11 އަށް ނެރޭނީ މުބާރާތުގެ ސެމީ ފައިނަލުގައިވެސް ނެރުނު ފުރަތަމަ 11 ކުޅުންތެރިންނެވެ. އަލް ހިލާލްގެ ފޯވަޑް ލައިނުގައި މިރޭ އިސްކޮށް ހަރަކާތްތެރިވާނީ ނަސީރު އަލް ދައުސަރީ އާއި ބްރެޒިލް ފޯވާޑް މެލްކޮމްއެވެ. އަދި މެދުތެރޭގައި ހަރަކާތްތެރި ވާނީ ރުބެން ނެވޭސްގެ އިތުރުން މިލިންކޯ ސަވިޗްއެވެ. އަލް ނަޞްރުގެ ފޯވާޑް ލައިނުގައި މިރޭ އިސްކޮށް ހަރަކާތްތެރިވާނީ ރޮނާލްޑޯ އާއި މާނޭއެވެ. މެދުތެރެއިން ހަރަކާތްތެރިވާނީ ޓަލިސްކާއާއި ފޮފާނާއެވެ.

މިރޭގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާދުގެ ކިންގް ފަހުދް އިންޓަނޭޝަނަލް ސްޓޭޑިއަމުގައެވެ. މިއީ 80 ހާސް މީހުންގެ ކެޕޭސިޓީ ހުންނަ ސްޓޭޑިއަމެކެވެ. މިރޭގެ މެޗުގެ ޓިކެޓު ވިކި ހުސްވެފައިވާ ކަމަށް ސައުދީގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ދެޓީމުގެ ކުރިމަތިލުންތަކަށް ބަލާއިރު، އަލް ހިލާލް އަދި ނަޞްރު ވަނީ މީގެ ކުރިން 24 ފަހަރު ބައްދަލުކޮށްފައިވެއެވެ. އޭގެ ތެރެއިން 15 ފަހަރު އަލް ނަޞްރު މޮޅުވެފައިވާއިރު، ހިލާލް އަށް މޮޅުވެވިފައިވަނީ އެންމެ ހަ ފަހަރުއެވެ. ފަސް މެޗު ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް 19 ގައި ސައުދީ ލީގު މެޗެއްގައެވެ. މި މެޗު 0-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ހިލާލް އިންނެވެ.

މިއީ މި ދެޓީމުން މި މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި އަލް ހިލާލް ވަނީ ހަތަރު ފަހަރެއްގެ މަތިން ކުޅެފައެވެ. އޭގެ ތެރެއިން ދެ ފަހަރު މޮޅުވެ މި މުބާރާތުގެ ތަށި ހިލާލް އިން ކާމިޔާބު ކުރިއެވެ. އެޓީމުން އެންމެ ފަހުން މި މުބާރާތުގެ ފައިނަލުގައި ކުޅެފައިވަނީ 2019 ވަނަ އަރުގައެވެ. އެފަހަރު ޓިއުނީސިއާގެ އީއެސް ޗާހެލް އަތުން 1-2 އިން ހިލާލް ވަނީ ބަލިވެފައެވެ.

އަލް ހިލާލް އަދި އަލް ނަޞްރު ބައްދަލުކުރާ މި ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8:00 ގައެވެ.