English Edition
Dhivehi Edition

އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ފައިދާ ހުރި ބަޔަކަށް ދަރިވަރުން ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގެ މައުޟޫއަކީ ”ތައުލީމާ ތަރުބިއްޔަތުގެ މާތްކަން” އެވެ. މި މައުޟޫއަށް އިއްވި ޚުތުބާގައި ބުނީ އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ފައިދާ ހުރި ބަޔަކަށް ދަރިވަރުން ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި މިފަދަ ތަރުބިއްޔަތެއް އެކުދިންނަށް ދެވޭނީ ކެތްތެރިކަމާއި ހިކްމަތްތެރިކަމާއެކު އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ކުދިންނަށްޓަކައި މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަތަކާއި ތަނަވަސް ކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ކުދިން ހިފަންޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ ކުދިން އުނގެނޭ އިލްމުގެ ނޫރުން ﷲގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އިސްލާމް ދީނާއި ވަތަނަށްޓަކައި ޤުރުބާން ވުމަށް ކެރޭ ބަޔަކަށްވުމަށް ހަށިތަކާއި ނަފުްސުތައް ހާނުވައި ތައްޔާރުކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރުމަށް ބެލެނިވެރިންނާއި މަދަރުސާއިން ގުޅި ލާމެހިގެން މަސައްކަތްކުރާނަމަ ކާމިޔާބުކުރެވޭނެ ކަމަށް ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

މީގެއިތުރުން ޚުތުބާގައި ބުނީ މާތް ނަބިއްޔާ މުހައްމަދު ﷺ އިސްލާމީ މުޖުތަމައުގައި ތައުލީމު ފެތުރެއްވުމަށް ޚާއްސަ އަހައްމިއްޔަތު ކަމެއް ދެއްވި ކަމަށާއި، ހުދު އެކަލޭގެފާނު އެކަމުގައި ބައިވެރިވެ ވަޑައިގަތްނެވި ކަމަށާއި ނަތީޖާއަކަށްވީ ހޭލުންތެރި، އިލްމުވެރި، އުފެއްދުންތެރި އުއްމަތެއް ބިނާވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ފެށިގެން މިދިޔަ ދިރާސީ އަހަރަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ މަސައްކަތް ކުރުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށާއި، ދެދުނިޔޭގެ ހަޔާތަށް ފައިދާ ހުރި ބޭނުންތެރި ހަރަކާތްތަކުން ކުދިންގެ ހުސް ވަގުތު ފަޅުފިލުވަންޖެހޭ ކަމަށެވެ.

ދަރިންނަކީ މާތްﷲ ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެކުދިން ރަނގަޅު ގޮތުގައި ބަލައި ބޮޑު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮ ދުއާ މަންފާ ކުރާނެ ކަމަށާއި، ދަރިންނަށް އަދަބާއި އުޅުންތެރިކަން ދަސްކޮށް ދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

އަދި އިސްލާމް ދީން ބާރު އަޅަނީ މި އަމާޒަށް ވަސީލު ވުމަށް ކަމަށާއި، އިސްލާމް ދީން މިކަމަށް ބާރު އަޅައި ހިތްވަރުދެނީ ކުދިން ތަރުބިއްޔަތު ކުރުމަށް އެހެން ހުރިހާ ނިޒާމެއްގައި ކޮށްފައިވާ މަސައްކަތްތަކަށްވުރެ މަތިވެރި މިންވަރަކަށް ކަމަށެވެ.

ހެޔޮކޮށް ދަރިން ތަރުބިއްޔަތު ކުރުމަކީ އިސްލާމް ދީނުގައި އެކަމުގައި ގާއިމުވެ ތިބި މީހުންނަށް ސަވާބާއި ދަރުމަ މާތްﷲ ދެއްވާނެ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.