ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ތިން އަހަރަށް ޖަލަށްލުމަށް އެ ގައުމުގެ ދަށު ކޯޓުން ކުރި ހުކުމާ ގުޅިގެން ކުރިއަށް އޮތް 5 އަހަރު އެއްވެސް އިންތިހާބެއްގައި ވާދަނުކުރެވޭނެ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
އިމްރާން ހާންގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އޭނާގެ ބޮޑުވަޒީރުކަމުގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހިންގާފައިވާ ގާނޫނާ ހިލާފު ކަންތައްތަކާ ގުޅިގެންނެވެ.
ޕާކިސްތާނުން ބޭރަށް ކުރެއްވި ދަތުރުތަކުގައި ލިބިވަޑައިގެންނެވި ހަދިޔާތަކާ އަދި 140 މިލިއަން ޕާކިސްތާން ރުޕީސްއަށް ވުރެ އަގުބޮޑު ހަދިޔާތަކެއް ދައުލަތުގެ ނަމުގައި ބައްލަވައިގަނެ ވިއްކުމުގެ މައްސަލަ ސާބިތުވުމާ ގުޅިގެން 3 އަހަރަށް ޖަލަށް ލުމަށް ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޓްރަޔަލް ކޯޓުން ވަނީ ހުކުންކޮށްފައެވެ. މީގެ އިތުރުން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކޮށްފައިވާއިރު 354 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
އިރުމަތީގައިވާ ލާހޯރުގައި ހުންނަ އިމްރާންގެ ގެކޮޅުގައި ހުންނަވަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އިމްރާންހާންގެ މައްޗަށް އިތުރު 150 އަށް ވުރެ ގިނަ މައްސަލަ ވަނީ ހުށަހަޅާފައެވެ.