އައްޑޫގެ ތަރައްގީއަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުން އައްޑޫއިން ބަދަލުތަކެއް ފެނިގެންދާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިނިވަން ދުވަހާއި ގުޅިގެން އައްޑޫގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ މިސަރުކާރުގެ އުއްމީދަކީ މިހާރު އައްޑޫގައި ގާއިމުކުރެވިގެންދާ އައްޑޫ އިކްޓޯރިއަލް ހޮސްޕިޓަލުގެ ފެންވަރު މިހާރަށްވުރެ ރަގަޅުކޮށް ފުޅާދާއިރާއެއްގައި ހެދުމަށް ދިނުން ކަމަށެވެ. އަދި ބިން ހިއްކުމާއި އެއަރޕޯޓް ތަރައްގީކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ޓޫރިޒަމް ފުޅާކުރުމާއި ތައުލީމާއި ސިއްހީ ދާއިރާ ކުރިއަރުވަން ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަަކަމަށް އެމަނިކިފާނު ވިދާޅުވިއެވެ.
މިސަރުކާރުން އައްޑޫގައި ފަށާފައިވާ މަޝްރޫއުތައް ހަގީގަތަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ނައިބް ރައީސް ވަނީ އެންމެން ގުޅިގެން ގައުމުގެ ތަރައްގީއަށް މަސައްކަތް ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ހަމަމިއާއެކު އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރާއިއެކު އެ ސިޓީގައި މި ދައުރުގައި 4 މިސްކިތެއްގެ މަސައްކަތް ކުރިއަށް އެބަދާކަމަށާއި މި ސަރުކާރުން ދީނީ ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން އާންމުރައްޔިތުންނާއި ޚާއްސަކޮށް ދަރިވަރުންގެމެދުގައި ދިނީ ހޭލުންތެރިކަން އިތުުރުކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ދީނީ ރޮނގުން މީހުން ބިނާކުުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދާ މަސައްކަތްތަކަށްބަލާއިރު، މީގެ ކުރިން ދުވަހަކު ވެސް މިމަސައްކަތް ކުރިއަށް ނުގެންދެވޭވަރަށް މިހާރު ދީނީ ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.