English Edition
Dhivehi Edition

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ދެވަނަ ”އިންސްޕެކްޓަރ ކޯސް” އެއްވަނަ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝަހީދު ހޯދައިފިއެވެ.

ކޯސް ނިންމުމަށް އެންސީޕޯލްގެ އޮޑިޓޯރިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

މެއި 17 އިން ޖުލައި 19 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޓަރ ކޯހުގައި 41 ފުލުހުން ބައިވެރިވިއެވެ. އެއީ 35 ފިރިހެން ބައިވެރިންނާއި 6 އަންހެން ބައިވެރިންނެވެ. މި ކޯހުގެ އެއްވަނަ ޕޮލިސް އަހުމަދު ޝަހީދު ހޯދިއިރު ކޯހުން ދެވަނަ އަށް ހޮވުނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އާމިނަތު އަލީއެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ޝަޒީނާ ސައީދުއެވެ.

މި ކޯހުގައި ފުލުހުންގެ ގާނޫނުނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތައް، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލެއްވިއެވެ.

އިންސްޕެކްޓަރ ކޯހަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމިޝަންޑު ރޭންކުތަކުގެ އޮފިސަރުންގެ ގިންތިއަށް ކުރިއެރުން ހޯދުމަށް ފުރިހަމަކުރަންޖެހޭ ތަމްރީނު ކޯހެކެވެ.