English Edition
Dhivehi Edition

މިއަދު އިރާގުގެ ވެރިރަށް ބައްދާދުގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ބައިވެރިން އެ ގައުމުގައި ހުންނަ ސްވިޑެންގެ އެމްބަސީއަށް ވަދެ، މުދަލަށް ގެއްލުންދީ އެ ތަނުގައި ހުޅުޖަހައިފިއެވެ.

ސްވިޑެންގެ ފުލުހުން ދީފައިވާ ހުއްދައެއްގެ ދަށުން ކުރި މުޒާހަރާއެއްގެ ތެރެއިން، މިދިޔަ އަޟްހާ އީދު ދުވަހު ސްޓޮކްހޯމްގެ މައި މިސްކިތުގެ ކުރިމަތީގައި މުސްހަފެއްގައި ރޯކޮށްލުމާ ގުޅިގެން މުސްލިމުން އަންނަނީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށްފައިވާއިރު ބައްދާދުގައި ސްވިޑެންގެ ސަރުކާރާ ދެކޮޅަށް އަލުން މުޒާހަރާ ކުރަން ފަށާފައި ވަނީ، އެ ގައުމުގައި އަނެއްކާވެސް މުސްހަފެއްގެ ހުރުމަތް ކަނޑަން ތައްޔާރުވަމުންދާ ކަމުގެ ހަބަރުތައް ފެތުރުމާ ގުޅިގެންނެވެ.

މި ހަބަރުތަކާ ގުޅިގެން ބައުދާދުގެ މަގުތަކަށް އެތައް ހާސް ބަޔަކު އެއްވެފައިވާއިރު މުޒާހަރާގެ ބައިވެރިން ވަނީ ސްވިޑެންގެ އެމްބަސީ ކައިރިއަށް އެއްވަފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެމްބަސީގެ ފާރުމަތިން އެ ތަނުގެ އެތެރެއަށް ވަދެފައިވާއިރު އެމްބަސީގެ މުދަލަށް ވަނީ ގެއްލުން ދީފައެވެ. އެމްބަސީ ތެރޭގައި އަލިފާން ރޯކޮށްލާފައިވާއިރު ސުވިޑެން އިން ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްބަސީގައި ހުޅުޖެހިތާ ގިނަ އިރުތަކެއް ނުވެ އަލިފާން ނިއްވާ ޓީމުތަކުން ވަނީ އެ ތަނުގައި ރޯކޮށްލާފައިވާ އަލިފާންގަނޑު ނިއްވައިލާފައެވެ. މި ހާދިސާގައި އެމްބަސީގައި މަސައްކަތް ކުރާ އެއްވެސް މުވައްޒިފަކަށް އަނިޔާވެފައި ނުވާއިރު އިރާގު ސަރުކާރުން ވަނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދާނެކަމަށް ބުނެފައެވެ.

މި ހާދިސާ ކުށްވެރިކޮށް ސްވިޑެންގެ ހާރިޖީ ވުޒާރާއިން ވަނީ އިރާގުގައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން އެ ގައުމުގެ ސަރުކާރަށް ގޮވައިލާފައެވެ.