އެމްއެންޕީގެ ތައުލީމީ ސިޔާސަތަކީ ނާސަރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައި ދިނުން ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ އެމްއެންޕީ އިން ބޮޑުތިލަދުންމައްޗަށް މިހާރުކުރަމުން ގެންދާ ދަތުރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
“އުޖާލާ ޒަމާން” ކެމްޕެއިންގެ ދަށުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެކަމަށް ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ހޭދަކުރަން ނުޖެހޭ ގޮތަށް ހަދާނެ ކަމަށެވެ.
އެމްއެންޕީގެ ސަރުކާރުގެ ސިޔާސުތައް ވަރަށް ތަފާތުވާނެ ކަމަށާއި ބޭނުން ވަނީ ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންނަށް ލާބަ އާއި މަންފޭ ލިބޭ ވެރިކަމެއް ކުރުން ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ. އަދި ތައުލީމީ ފުރުސަތުތައް ފުޅާކޮށް، ފަހިކޮށްދިނުމަކީ ވަަރަށް މުހިއްމު، ބޮޑު ސިޔާތަކަށް ވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުނަރާއި ފަންނު ވެސް މި ސިޔާސަތުގެ ދަށުން ހޯދައިދޭނެ.” ނާޒިމް ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑުފިދާޅުވެ، ނާޒިމް ވިދާޅުވީ ހިލޭ ގޯތި ދޭ އުސޫލަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށެވެ. އަދި އެ މަޝްރޫއު ހިންގަނީ ސިޔާސީ މަގުސަދެއްގައި ރައްޔިތުންގެ ވޯޓު ހޯދަން ކަމަށެވެ.
ރައްޔިތުން ހޭ އަރަ ތިބުމަށް ގޮވާލައްވާ، ނާޒިމް ވަނީ އެ މަޝްރޫއުގައި ހުރި ހަމަނުޖެއްސޭނެ ބައެއް ވާހަކަތައް ވެސް ފާހަގަ ކުރައްވާފައެވެ.
އެގޮތުން ބިން ހިއްކަން ދާ ބޮޑު ޚަރަދާއި އެ ބިމުގައި ބަޔަކު އާބާދު ކުރުމަށް ހިނގާނެ ދިގު މުއްދަތު އޮއްވައި އެތަންތަނުން އާންމުންނަށް ލިބޭ ގޯތި ތަރައްގީ ކުރަން ބޮޑެތި ވިޔަފާރިތަކުން އަތުލުމުން އަނެއްކާ ވެސް ދިވެހިން އަޅުވެތިވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.