English Edition
Dhivehi Edition

ކައްދޫ އެއަރޕޯޓްސް ކޮމްޕެނީއާއި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެ ދެ ބޯޑަށް ދެ މެންބަރުން އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

ޕީސީބީ އިން ބުނީ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ ސ.މަރަދޫ ފޭދޫ، ލަކްސަމީވިލާ ކާނަލް އަހުމަދު ޝަރީފް ކަމަށެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށްއައްޔަންކުރީ ސ. ފޭދޫ، ނޫކޮކާ ޝާތިފް އަލީ ކަމަށެވެ.

ކާނަލް ޝަރީފަކީ އެމެރިކާގެ މެރިން ކޯ ޔުނިވަރސިޓީން މާސްްޓާސް އޮފް މިލިޓަރީ ސައިންސަސް ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވަނީ އެމްއެންޑީއެފްގެ އެކި މަގާމުތައް މީގެކުރިން އަދާކުރައްވާފައިވާއިރު، މިހާރު ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ސްޓްރެޓެޖިކް ސެކިއުރިޓީ އެންޑް އެސެސްމަންޓް (ޑީއެސްއޭ) ގެ ޕްރިންސިޕަލް ޑިރެކްޓަރުގެ މަގާމުގައެވެ.

ޝާތިފް، އޮސްޓްރޭލިއާގެ ނެޝަނަލް ޔުނިވަރސިޓީން މާސްޓަރސް އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިފާއިރު، އޭނާ ވަނީ ގައުމީ ޔުނިވަރސިޓީ ގެ ފެކަލްޓީ އޮފްމެނޭޖްމަންޓް އެންޑް ކޮމްޕިއުޓިންގ ގެ ޑީންގެ މަގާމު އަދާ ކުރައްވާފައެވެ. އަދި ވެމްކޯގެ ބިޒްނަސް ޑިވޮލޮޕްމަންޓް މެނޭޖަރުގެ މަގާމު ވެސް ފުރުއްވާފައި ވެއެވެ.

މިވަގުތު އޭނާ ހުންނެވީ ވެމްކޯގެ ސަދަން އޮޕަރޭޝަންސްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައެވެ.