އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރަތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ލެބަނާން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ އިންޑިއާއިން ހޯދައިފިއެވެ.
މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗު އިންޑިއާއިން ކާމިޔާބުކުރީ ޕެނަލްޓީގައި 2-4 ގެ ނަތީޖާއިން ކެބަނާން ބަލިކޮށްގެންނެވެ.
ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި ފޯރިގަދަ މެޗު ފެށިގެން ފުރަތަމަ ހަމަލާ އުފެއްދީ ލެބަނާނުންނެވެ. ޒެއިން އަލް އަބިދީން ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ލުބުނާންގެ ނަދަރްް މަތަރް ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޭގެ ފަސްމިނެޓު ފަހުން ލެބަނާނުން ދެވަނަ ހަމަލާއެއް އުފެއްދިއިރު، ޕެނަލްޓީ އޭރިއާ ބޭރުން ލެބަނާންގެ ނަދަރް މަތަރް ފޮނުވާލި ހަމަލާ، އިންޑިއާގެ ގޯލާ އަމާޒެއް ނުވިއެވެ.
މެޗުގެ އަށްވަނަ މިނެޓުގައި ލެބަނާންގެ ތިންވަނަ ހަމަލާއެއް ފެނިގެންދިޔައެވެ. އެ ޓީމުގެ ހަސަން މާތޫކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ލެބަނާންގެ ޒެއިން އަލް އަބިދީން ފޮނުވާލި ހަމަލާ، އިންޑިއާގެ ކީޕަރު ގުޕްރީތު ސިންހް ވަނީ މަތަކޮށްފައެވެ.ް
މެޗުގެ ފުރަތަމަ ދިހަ މެނެޓުގެ ތެރޭގައި ލެބަނާނުން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިނަމަވެސް އޭގެ ފަހުން ދެން ފެނުނީ އިންޑިއާއިން ކުޅުން ރަނގަޅުކޮށް ލަނޑުޖަހަން ފުރުސަތުތައް ތަނަވަސްކުރި ތަނެވެ. އެގޮތުން މެޗުގެ 17 އަދި 20 ވަނަ މިނެޓުގައި އިންޑިއާއަށް ރަނގަޅު ދެ ފުރުސަތެއް ލިބުނުއިރު، ޕްރިތަމް ކޮޓާލް އަދި ޖީކްސަން ސިންހް ފޮނުވާލި ހަމަލާ ގޯލާއި އަމާޒެއް ނުވިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެއްވެސް ޓީމަކަށް ހިފޭގޮތެއް ނުވިއެވެ.
ދެނަވަ ހާފު ފެށިގެން ވެސް ރަނގަޅަށް ކުޅެ ގިނަ އަހަމާތައް އުފެއްދީ ލެބަނާނުންނެވެ. މެޗުގެ 61 ، 67، 72 އަދި 83 ވަނަ މިނެޓުގައި ލެބަނާނުން އިންޑިއާގެ ގޯލަށް ފޮނުވާލި ހަމަލާތައް ފާހަގަ ކޮށްލެވެއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުވެސް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުުރިހަމަ ވަގުތު ހަމަވިއިރުވެސް މެޗު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ދެން ކުޅުނީ އިތުރުވަގުތުގެ ދެ ހާފެވެ. އިތުރު ވަގުތުގެ ދެހާފުވެސް އެއްވަރުވެގެން ނިމުމުން ދެން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓް އައުޓްގައި އިންޑިއާއިން ޖެހި ހަތަރު ޕެނަލްޓީވެސް އެ ޓީމުން ކާމިޔާބުކުރި އެވެ. ލެބަނާން އަށް ކާމިޔާބުކުރެވުނީ ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ އެވެ.
އިންޑިއާގެ ޗެތުރީ، އަންވަރު، މަހޭޝް އަދި އުދަންތަ ޖެހި ޕެނަލްޓީތައް ކާމިޔާބުކުރިއިރު ލެބަނާންގެ ވަލީދު ޝޫރު އާއި ސަދެކް ޖެހި ދެ ޕެނަލްޓީ ކާމިޔާބުކުރި އެވެ. ލެބަނަންގެ ކެޕްޓަން މާތޫކު، އެ ޓީމުގެ ފުރަތަމަ ޕެނަލްޓީ ޖެހިއިރު، އޭނާ ފޮނުވާލި ޕެނަލްޓީ ކީޕަރު ގުރްޕުރީތު ދިފާއުކުރީއެވެ. އަދި ލެބަނާންގެ ހަތަރު ވަނަ ޕެނަލްޓީ ހަލީލް ފޮނުވާލި ޕެނަލްޓި ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ލެބަނާން ބަލިކޮށް ފައިނަލުގެ ދެވަނަ ޖާގަ އިންޑިއާއިން ހޯދިއިރު، އިންޑިއާ ފައިނަލްގައި ނުކުންނާނީ މިއަދު ފުރަތަަމަ ސެމީ ފައިނަލުގައި ބަންގްލަދޭޝް އަތުން މޮޅުވި ކުވެއިތާ ދަކޮށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ހަތެއް ޖަހާއިރުގައެވެ.