English Edition
Dhivehi Edition

މިހާރު އިންޑިއާގައި ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް މަރުހަލާގެ ކުޅުން ނިމި މުބާރާތުގެ ސެމީ ފައިނަލަށް ދިޔަ ޓީމުތަށް ކަށަވަރުވެފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތަކަކީ މުބާރާތް ބާއްވާ އިންޑިއާ، މުބާރާތުގައި އަލަށް ވާދަކުރާ ދެޓީމު ކަމުގައިވާ ކުވައިތު އަދި ލުބުނާނުގެ އިތުރުން ބަންގްލަދޭޝްއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް މިއަދު ފެށޭނެއިރު، ސެމީގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާ ދެޓީމަކީ އިންޑިއާ އާއި ލުބުނާންއެވެ.

އިންޑިއާ އަދި ލެބަނާން އިން މުބާރާތުގެ ސެމީ ފައިނަލަށް މިރޭ ނުކުންނައިރު، މިއީ މި ދެޓީމުގެ ނުވަވަނަ ކުރިމަތިލުމެވެ. ނަމަވެސް ސާފް މުބާރާތުގެ ފުރަތަމަ ކުރިމަތިލުމެވެ.

އިންޑިއާ
އިންޑިއާއަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް ފުރަތަމަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ އިންޑިއާއަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކޮށްފައިވާ ގައުމުވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތެއްގައި ވާދަކޮށްފައިވާއިރު އެގައުމުން ވަނީ މި މުބާރާތުގެ ތަށި އަށް ފަހަރު ހޯދާފައެވެ.

ފީފާ ރޭންކިންގެ 100 ވަނަ މަޤާމުގައި މިވަގުތު އޮތް އިންޑިއާ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، އެގައުމުން ވަނީ އެންމެ މުބާރާތެއް ފިޔަވާ ދެ ކުޅުނު ހުރިހާ މުބާރާތެއްގައިވެސް އެއް ކޮޅުން ފައިނަލުގައި ކުޅެފައެވެ. އެގައުމަށް ފައިނަލުގައި ވާދަ ނުކުރެވުނީ 2003 ވަނަ އަހަރު ބަންގަލަދޭސްގައި ބޭއްވުނު މުބާރާތުގައި އެކަންޏެވެ. އެ ފަހަރުގެ މުބާރާތުން އެގައުމު ކެޓީ ސެމީފައިނަލުގައި ބަނގްލަދޭސްއާއި ވާދަކޮށް ޕެނަލްޓީގައި 1-2 ގެ ނަތީޖާއިންނެވެ. މިހާތަނަށް އިންޑިއާއިން ސާފްޗެމްޕިއަންޝިޕް މުބާރާތުގެ 12 ފައިނަލެއް ކުޅެފައިވާއިރު، އެގައުމުން ވަނީ އަށް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި މުބާރާތް އެންމެ ގިނައިން ބާއްވާފައިވަނީ ވެސް އިންޑިއާގައެވެ. އިންޑިއާގައި މި މުބާރާތް ތިންފަހަރު ބާއްވާފައިވެއެވެ. މިއީ މި މުބާރާތް އިންޑިއާގައި ބާއްވާ ހަތަރުވަނަ ފަހަރެވެ.

މިފަހަރު މުބާރާތުގެ ސެމީ ފައިނަލަށް އިންޑިއާ ދަތުރުކުރި ގޮތް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އިންޑިއާ ހިމެނުނީ ކުވައިތް، ނޭޕާލް އަދި ޕާކިސްތާން އާއި އެކު ގުރޫޕް އޭ ގައެވެ. މުބާރާތުގެ ސެމީ ފައިނަލުން އިންޑިއާ ޖާގަ ހޯދީ ގުރޫޕް މަރުހަލާގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވެ ހަތް ޕޮއިންޓާއި އެކު އެޓީމު ހިމެނުނު ގުރޫޕް އޭ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ގުރޫޕް ގައި އިންޑިއާ ފުރަތަމަ ބައްދަލުކުރީ ޕާކިސްތާން އާއެވެ. މި މެޗުން 0-4 ގެ ނަތީޖާއިން ކާމިޔާބު ކުރިއިރު، ގުރޫޕްގެ ދެވަނަ މެޗުގައި ނޭޕާލާއި ވާދަކޮށް އިންޑިއާ މޮޅުވީ 0-2 އިންނެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި ކުވައިތާއި ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއިން މެޗު ވަނީ އެއްވަރުވެފައެވެ. ސެމީގައި އިންޑިއާ ނުކުންނާނީ ލުބުނާން އާއި ދެކޮޅަށެވެ.

މިފަހަރުގެ މުބާރާތުގައި އިންޑިއާ ނެރެފައިވާ ނަތީޖާތައް
އިންޑިއާ – ޕާކިސްތާން (4-0)
އިންޑިއާ – ނޭޕާލް (2-0)
އިންޑިއާ – ކުވައިތް (1-1)
ޖެހި ގޯލުގެ އަދަދު – 07 ގޯލު
ބައިކޮޅަށް ވަތް ގޯލުގެ އަދަދި – 01
ފައިދާ ގޯލުގެ އަދަދު – 06
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -07
ގުރޫޕުގެ މަޤާމު – 02 ވަނަ

ލެބަނާން
ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ލެބަނާނަކީ އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި މާ ވަރުގަދަ ގައުމެއްގެ ގޮތުގައި ބެލެވިފައިވާ ގައުމެއް ނޫނެވެ. މާބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދިފައިވާ ގައުމެއް ނޫނެވެ. ލެބަނާން މިހާތަނަށް އޭޝިއަން ކަޕަށްވެސް ކޮލިފައިވެފައިވަނީ އެންމެ ދެ ފަހަރުއެވެ. އެ ދެފަހަރުވެސް ގުރޫޕް ސްޓޭޖުން ކެޓީއެވެ. ނަމަވެސް މި އަހަރު ގަތަރުގައި އޮންނަ އޭސިއަން ކަޕަށް ލެބަނާން ވަނީ ކޮލިފައިވެއެވެ. ފުޓްބޯޅައިގައި ލެބަނާން އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީތަކުގެ ތެރޭގައި އަމިއްލަ ގައުމުގައި 1963 ވަނަ އަހަރު ބޭއްވުނު ފީފާ އަރަބި ކަޕުގެ ތިންވަނަ ހޯދުމާއި 1957 އަދި 1997 ވަނަ އަހަރު ބޭއްވުނު ޕޭން އަރަބް ގޭމްސްގެ ތިންވަނަ ހޯދުން ހިމެނެއެވެ. އެގައުމަށް ފުޓްބޯޅައިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ލީބިއާގައި 1964 ވަނަ އަހަރު ބޭއްވުނު ޓްރިޕޯލީ ފެއަރ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދުމެވެ. މިއީ މުބާރާތަކުން އެ ގައުމަށް ތައްޓެއް ހޯދުނު ހަމައެކަނި ފަހަރުވެސް މެއެވެ. އޭގެ ފަހުން މިހާތަނަށް ފުޓުބޯޅައިން އެއްވެސް ކާމިޔާބެއް ލެބަނާނަށް ލިބިފައެއް ނުވެއެވެ.

މިފަހަރު މުބާރާތުގެ ސެމީ ފައިނަލަށް ލެބަނާން ދަތުރުކުރި ގޮތް

އިންޑިއާގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ ލެބަނާން އިން ވާދަކުރާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުން އެ ޓީމަށް ފުރުސަތު ލިބިފައިވަނީ ސަރަހައްދުން ބޭރުން އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ދައުވަތު ދިން ދެ ޓީމުގެ ތެރޭގައި ލެބަނާން ހިމެނުމުންނެވެ. ދައުވަތު ލިބުނު އަނެއް ޓީމަކީ ކުވައިތް އެވެ.

މިފަހަރުގެ މުބާރާތުގައި ލެބަނާން ހިމެނުނީ ރާއްޖެ އާއި ބޫޓާން އަދި ބަންގްލަދެޝް ހިމެނުނު ގުރޫޕް ބީ ގައެވެ. ލެބަނާނުން މުބާރާތުގެ ސެމީ އިން ޖާގަ ހޯދީ ގުރޫޕް ގައި ކުޅުނު އެއްވެސް މެޗަކުން ބަލިނު، ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. ގުރޫޕްގައި އެޓީމުން ކުޅުނު ފުރަތަމަ މެޗަކީ ބަންގްލަދޭޝް އާއި ދެކޮޅަށް ކުނު މެޗެވެ. މި މެޗު ލެބަނާނުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗުގައި 1-4 ގެ ނަތީޖާއިން ބޫޓާން އަތުން މޮޅުވިއިރު، ގުރޫޕްގެ ފަހު މެޗުގައި ރާއްޖެ އަތުން 0-1 ގެ ނަތީޖާއިން ވަނީ މޮޅުވެފައެވެ. ސެމީގެ ޖާގަ އެޓީމުން ޔަގީން ކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް ޖުމުލަ ނުވަ ޕޮއިންޓާއި ފައިދާ ހަ ގޯލާއި އެކު އެޓީމު ހިމެނުނު ގުރޫޕް ބީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

ގުރޫޕް ސްޓޭޖުގައި ލެބަނާނުން ނެރުނު ނަތީޖާތައް

ލެބަނާން – ބަންގްލަދެޝް (0-2)
ލެބަނާން – ބޫޓާން (1-4)
ލެބަނާން – ދިވެހިރާއްޖެ (0-1)
ޖެހި ގޯލުގެ އަދަދު – 07
ބައިކޮޅަށް ވަތް ގޯލުގެ އަދަދު – 01
ފައިދާ ގޯލުގެ އަދަދު – 06
ލިބިފައިވާ ޖުމުލަ ޕޮއިންޓްގެ އަދަދު -09
ގުރޫޕުގެ މަޤާމު – 01 ވަނަ

އިންޑިއާ އާއި ލެބަނާންގެ ތާރީޚީ ކުރިމަތިލުންތައް

އިންޑިއާ އާއި ލެބަނާން މީގެ ކުރިން އަށް ފަހަރު ބައްދަލުކޮށްފައިވެއެވެ. އެއީ 1977 ވަނަ އަހަރު ކުޅެވުނު ޕްރެސިޑެންޓްސް ކަޕްގައާއި 1993 ، 2007، ވަނަ އަހަރު ކުޅެވުނު ވޯލްޑްކަޕް ކޮލިފައިންގައާއި 2009 ވަނަ އަހަރު ކުޅެވުނު އެކުވެރިކަމުގެ މެޗެއްގައާއި މި އަހަރު ކުޅެވުނު އިންޓަރ ކޮންޓިނެންޓަލް ކަޕުގައެވެ. މީގެ ތެރެއިން އިންޑިއާ ދެ ފަހަރު މޮޅުވިއިރު، ލުބުނާން ތިން ފަހަރު ވަނީ މޮޅުވެފައެވެ. އަދި ދެ މެޗު ވަނީ އެއްވަރުވެފައެވެ.

މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ މިމަހުގެ 18 ވަނަ ދުވަހު ކުޅެވުނު އިންޓަރކޮށްޓިނެންޓަލް ކަޕް ފައިނަލް މެޗުގައެވެ. އެ މެޗު 0-2 އިން ލުބުނާން ބަލިކޮށް ތަށި ނަގާފައިވަނީ އިންޑިއާއިންނެވެ.

އިންޑިއާ އަދި ލެބަނާން ބައްދަލުކުރާ ސެމީ ފައިނަލް މެޗު ކުޅޭނީ މިރޭ 7:00 ގައެވެ.