English Edition
Dhivehi Edition

އިންޑިއާގައި މިހާރު ކުރިއަށް ދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީ ގެ ފަހުމެޗުގައި ފަހަތުން އަރާ ބޫޓާން ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ބަންގްލަދޭޝް ދަތުރުކޮށްފިއެވެ.

މިރޭ ކުޅުނު މެޗުން ބޫޓާންގެ މައްޗަށް ބަންގްލަދޭޝް އިން ކުރި ހޯދީ 1-3 ގެ ނަތީޖާއިންނެވެ.

ބޫޓާން ބަލިކޮށް ގުރޫޕު ބީ ގެ ދެވަނަ ހޯދާ ހަ ޕޮއިންޓާއި އެކު ބަންގްލަދޭޝް ސެމީގެ ޖާގަ ކަށަވަރު ކުރިއިރު، މި ގިރޫޕުގައި ދެން އޮތް ދިވެހިރާއްޖެ އާއި ބޫޓާން ވަނީ މުބާރާތުން ކަޓާގައެވެ.

ގުުރޫޕުގެ ތިންވަނަ ލިބުނު ރާއްޖެއަށް ސެމީގެ ޖާގައެއް ލިބެން އޮތީ މިރޭ ބޫޓާން އަދި ބަންގްލަދޭޝް ބައްދަލުކުރި މެޗުން ތިން ލަނޑުގެ ފަރަގަކުން ބޫޓާން އިން މެޗު ކާމިޔާބު ކޮށްގެންނެވެ. ނަމަވެސް މި މެޗުން ބޫޓާން ބަލިވުމުން ރާއްޖެއަށް ވަނީ ސެމީގެ ޖާގަ ހެއްލި މުބާރާތުން ވަކިވާން ޖެހިފައެވެ.

މިރޭގެ މެޗުގެ ކުޅުން ފެށިގެން ރަނގަޅަށް ކުޅެ ހަމަލާތައް އުފެއްދޭތޯ މަސައްކަތް ކުރީ ބޫޓާނުންނެވެ. އެގޮތުން އެޓީމުން ބަންގްލަދޭޝްގެ ފަހަތައް ބާރު ބޮޑުކޮށް ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގުމެވެ. ބޫޓާނުން ލީޑު ނެގީ މެޗުގެ 12 ވަނަ މިނެޓުގައެވެ.
ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ބޫޓާނަށް މި ލަނޑު ކާމިޔާބުކޮށްދިނީ ސެންޑާ ޑޯޖީއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބަންގުލަދޭޝް ގޯލުގެ މަތީ ކަނަށެވެ.

ބޫޓާންގެ މި ލަނޑަށް ފަހު ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ނެގިއެވެ.
އެގޮތުން ރަނގަޅަށް ކުޅެމުން ދިޔަ ބަންގްލަދޭޝް އިން މެޗުގެ 21 ވަނަ މިނެޓުގައި ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ބޫޓާންގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ބަންގުލަދޭޝަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޝެއިޚް މޯސަލިންއެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ގޯލުގެ މެދަށެވެ.

ބަންގްލަދޭޝް އިން އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 32 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ބޫޓާންގެ ފުންޓްސޯ ޖިގްމޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެ ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޝެއިޚް މޯސަލިން ނަގައިދިން ހުރަސް، ޕެނަލްޓީ އޭރިއާ ތެރެއިން ބަންގުލަދޭޝްގެ ރާކިބް ހުސައިން ޖައްސާލުމާއެކު ބޫޓާންގެ ޑިފެންޑަރު ޖިގްމޭ ގައިގައި ޖެހިފައެވެ.

އޭގެ ދެމިނެޓު ފަހުން ބަންގްލަދޭޝް ގެ ތިންވަނަ ލަނޑު ފެނިގެން ދިޔައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ބަންގުލަދޭޝަށް އެ މި ލަނޑު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޫޓާންގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިންމުނީ 3-1 ގެ ނަތީޖާއަކުން ބަންގުލަދޭޝް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ކުޅެން އަރައިވެސް ރަނގަޅަށް ކުޅުނީ ބަންގްލަދޭޝް އިންނެވެ. އެގޮތުން ލަނޑު ޖަހަން ފުރުސަތު ތަނަވަސްވެސް ކުރިއެވެ. ނަމަވެސް އެ ފުރުސަތުތައް ކާމިިޔާބެއް ނުވިއެވެ. ދެވަނަ ހާފު ނިމުނީ އިތުރު ލަނޑެއް ނުޖެހި 1-3 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

މި މެޗުން ހޯދި މޮޅާއި އެކު ބަންގްލަދޭޝް ސެމީއަށް ދިޔައިރު، އެ ޓީމު ސެމީގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް އޭ ގެ އެއްވަނަ ހޯދި ކުވައިތު ޓީމާއެވެ. ސެމީގެ މެޗުތައް ކުޅޭނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގައެވެ.