އަވަށްޓެރި އިންޑިއާގައި މިހާރު ފެށިގެން ކުރިޔަށްދާ 14 ވަނަ ބަންގްބަންދު ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް މަރުހަލާގެ އެނެމް ފަހު މެޗުގައި ޕާކިސްތާން އަދި ނޭޕާލް މިއަދު ބައްދަލުކުރާނެއެވެ.
ގުރޫޕް އޭ ގައި ހިމެނޭ ޕާކިސްތާން އަދި ނޭޕާލް މިއަދުގެ މެޗަށް ނުކުންނައިރު، މި ދެޓީމަށް ވެސް މިހާރުވަނީ މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ދޮރު ބަންދުވެފައެވެ. މީގެން ކޮންމެ ޓީމެއްވެސް މިހާތަނަށް ދެ މެޗު ކުޅުނުއިރު، މި ދެމެޗުންވެސް ދެ ޓީމުވެސް ވަނީ ބަލިވެފައެވެ.
ގުރޫޕުގެ ފުރަތަމަ މެޗުގައި އިންޑިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ޕާކިސްތާން ބަލިވެފައިވަނީ 0-4 އިންނެވެ. އަދި ދެވަނަ މެޗުން ޕާކިސްތާން ބަލިވީ ކުވައިތު އާއި ބައްދަލުކޮށް 0-4 އިންނެވެ.
އެންމެ ފަހުން ބޭއްވި ސާފް މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅުނު ނޭޕާލް މިފަހަރުގެ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވީ ކުވައިތު އާއި ބައްދަލުކޮށް 1-3 އިންނެވެ. އަދި ދެވަނަ މެޗުގައި އިންޑިއާއާއި ވާދަކޮށް 0-2 އިންނެވެ.
ޕާކިސްތާން
މުބާރާތުގައި މިހާތަނަށް ގުރޫޕުގައި ކުޅުނު ދެމެޗުންވެސް ބަލިވެ މިހާތަނަށް ގޯލެއް ވެސް ނުޖެހި ބައިކޮޅަށް ވަތް އަށް ގޯލާއި އެކު މުބާރާތުން ވަކިވާން ޖެހިފައިވާ ޕާކިސްތާނުން މިއަދު މި ނުކުންނަނީ ގުރޫޕުގެ އެންމެ ފަހު މެޗަށެވެ. ނޭޕާލާއި ދެކޮޅަށް ޕާކިސްތާން ނުކުންނައިރު، މި މެޗު ކާމިޔާބުކޮށް ގުރޫޕުގެ ތިންވަނަ އަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެހެން ހުރިހާ ދޮރެއް އެޓީމަށް ވަނީ ބަންދުވެފައެވެ.
މިފަހަރުގެ މުބާރާތުގައި ޕާކިސްތާނުން ތަފާތު ދައްކާނޭ ކަމަށް ގިނަބަޔަކު ހީކުރި ނަމަވެސް އެ ތަފާތެއް ޕާކިސްތާނުގެ ފަރާތުން ނުފެނުނެވެ. ގިނަ ބަޔަކު ހީކުރީ ޔޫރަޕްގެ އެކި ގައުމުތަކުގެ އެކި ފަންތީގެ ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކަކާއި އެކު ނުކުމެ ޕާކިސްތާނުން ތަފާތު ދައްކާނޭ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ފުޓްބޯޅައިގެ ރަހައާއި އެކުވެސް ޕާކިސްތާން ޓީމު ފެނުނީ މި މުބާރާތުގައި އެންމެ ބަލިކަށި އަދި ދައް ކުޅުމެއް ދެއްކި ޓީމުގެ ގޮތުގައެވެ.
ޕާކިސްތާން ޓީމަކީ ޔޫރަޕުގެ އެކި ގައުމުތަކުގެ ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އެގޮތުން ޑެންމާކް، ޕޯޗުގަލް އަދި އިންގިރޭސި ވިލާތުގެ އެކި ފަންތީގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ޕާކިސްތާނު ޓީމުގައި ހިމެނެއެވެ. އޭގެތެރޭގައި ގޯލް ކީޕަރު ޔޫސުފް ބަޓް، އަބްދުﷲ އިޤްބާލް، އަބްދުލް އަރުޝަދު، އީސާ ސުލިމަން، ހާރުން ހާމިދު، ރަހިސް ނަބީ އަދި އޮޓިސް ޚާންގެ އިތުރުން ހަސަން ބަޝީރު ފަދަ ކުޅުންތެރިންނަކީ ޕާކިސްތާން ޓީމުން ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
ނަމަވެސް މި ކުޅުންތެރިންނާއި އެކުވެސް މި ފަހަރުގެ ސާފްގައި ޕާކިސްތާން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބޮޑު ތަފާތަކުން ވީ ބައްޔެވެ. އެއާއި އެކު އެ ޓީމަށް މިހާރުވަނީ ސެމީގެ ފުރުސަތު ވެސް ގެއްލިފައެވެ.
މިފަހަރުގެ މުބާރާތުގައި ޕާކިސްތާން މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެފައިވާއިރު، އެޓީމުގެ އެސިސްޓެންޓް ކޯޗު ޓޯބެން ފިލިޕްސް ބުނީ މިފަހަރުގެ މުބާރާތުގައި ވާދަކުރި ހުރިހާ ޓީމެއް ވެސް ޕާކިސްތާނަށް ވުރެ ކުޅުމުގެ ފެންވަރު ރަނގަޅު ކަމަށެވެ. އަދި ޕާކިސްތާން ޓީމަށް އެޓީމުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭކަމަށް އޭނާ ބުންޏެވެ. މިކަން ފާހަގަކުރަމުން ފިލިޕްސް ބުނީ ޕާކިސްތާން ޓީމުގެ ފެންވަރު ރަނގަޅު ކުރަން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށާއި ދެން އަންނަ މުބާރާތަކަށް ޓީމު މިހާރަށް ވުރެ ވަރުގަދަކޮށް ފެނިގެންދާނޭކަމަށެވެ.
އަދި މިއަދު ނޭޕާލް އާއި ދެކޮޅަށް ކުޅޭ ގުރޫޕުގެ ތިންވަނަ މެޗުން ވެސް މޮޅެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ހުސްއަތާ އެނބުރި ގައުމަށް ދާން ބޭނުން ނުވާކަމަށް އޭނާ ބުންޏެވެ. އަދި މުބާރާތެއްގައި ކުޅޭ މެޗުތަކުގެ ތެރެއިން އެންމެ މެޗަކުން މޮޅުވިޔަސް އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ފިލިޕްސް ބުންޏެވެ.
ނޭޕާލް
މިހާތަނަށް ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މުބާރާތެއްގައި ވެސް ވާދަކުރި ނޭޕާލްފާހަގަކޮށްލެވެނީ އެ މުބާރާތުގެ ވަރުގަދަ ޓީމުތަކުގެ ތެރޭގައެވެ. ނޭޕާލުން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި ތިންވަނަ މަގާމު ހޯދައިފައެވެ.
ސާފް ޗެމްޕިއަންޝިޕް 2011 އިން ފެށިގެން ނޭޕާލް ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން 2011 އިން ފެށިގެން ބޭއްވި ފަސް މުބާރާތުގެ ތެރެއިން ތިން މުބާރާތެއްގައި ސެމީ ފައިނަލުން ޖާގަ ހޯދި އިރު، އެއް މުބާރާތުގެ ރަނަރަޕްކަން ހޯދިއެވެ.
ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލްގެ އެންމެ ކާމިޔާބު މުބާރާތަކީ އެންމެ ފަހުން ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި މުބާރާތެވެ. ލީގު ބުރުގައި ނޭޕާލުން ވަނީ ރާއްޖެ އާއި ސްރީ ލަންކާ ބަލިކޮށް، ބަންގުލަދޭޝް އަތުން ވެސް ޕޮއިންޓެއް ހޯދައިފައެވެ. ލީގު ބުރުގައި އެޓީމު ބަލިވީ ހަމައެކަނި އިންޑިއާ އަތުންނެވެ. ލީގު ބުރުގެ ދެވަނަ ހޯދި ނޭޕާލުން ފައިނަލުގައި އިންޑިއާ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
ސަރަހައްދީ ފުޓްބޯޅައިގައި ވަރުގަދަ ގައުމެއްގެ ގޮތުގައި ނޭޕާލް ފާހަގަވިނަމަވެސް މިފަހަރުގެ މުބާރާތް އެ ޓީމަށް ކާމިޔާބެއް ނޫނެވެ. މުޅިން ޒުވާން ކުޅުންތެރިންތަކަކާއި އެކު، މިފަހަރުގެ މުބާރާތާއި ކުރިމަތިލި، ނޭޕާލް ޓީމަށް ކުރިމަިވީ ނާކާބީއެވެ. މިފަހަރުގެ މުބާރާތުގެ ގުރޫޕް މަރުހަލާގައި އެޓީމުން ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެ މުބާރާތާއި ވަކިވާން ޖެހިފައެވެ. ނަމަވެސް އެ ދެމެޗުގައި ވެސް ނިސްބަތުން ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.
ނޭޕާލްގެ ކޯޗު ވިންޗެންޒޯ އަލްބާޓޯ އަނޭސް ބުނީ މިފަހަރުގެ މުބާރާތަކީ އެހެން މުބާރާތްތަކާއި އަޅާބަލާއިރު، ފެންވަރު ރަނގަޅު ޓީމުތަކެއް ވާދަކުރި މުބާރާތެއް ކަމަށެވެ. އަނޭސް ބުނީ އޭނާގެ ޓީމަކީ މުޅިން ޒުވާން އަދި ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ތިބި ޓީމެއް ކަމަށެވެ.
ނަމަވެސް އިންޑިއާ އާއި ކުވައިތް ކަހަލަ ވަރުގަދަ ޓީމުތަކަކާއި ދެކޮޅަށް ކުޅެ ތަޖުރިބާގެ ފިލާވަޅުތަކެއް ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ.
އަނޭސް އިތުރަށް ބުނީ މިފަހަރުގެ މުބާރާތުން އޭނާގެ ޓީމު ކުޅުންތެރިންނަށް ލިބުނު ތަޖުރިބާގެ ފައިދާ މުސްތަގުބަލުގައި ކުރާނޭ ކަމަށާއި އެގޮތުން ދެން އޮންނަ މުބާރާތަކާއި ކުރިމަތިލާއިރު، މިފަހަރަށް ވުރެ ޓީމު ވަރުގަދަވާނޭ ކަމަށެވެ.
ޕާކިސްތާން އަދި ނޭޕާލްގެ ތާރީޚީ ކުރިމަތިލުންތައް
ޕާކިސްތާން އަދި ނޭޕާލް މީގެ ކުރިން 18 ފަހަރު ބައްދަލުކުރިއެވެ. އޭގެ ތެރެއިން ނޭޕާލަށް މޮޅުވެވުނީ އެންމެ ހަ ފަހަރުއެވެ. ފަސް މެޗު އެއްވަރުވިއިރު، އަނެއް ހަތް ފަހަރު މޮޅުވެފައިވަނީ ޕާކިސްތާނެއެވެ.
މިއީ މި ދެޓީމު ސާފް މުބާރާތުގައި ވާދަކުރާ އަށް ވަނަ ފަހަރެވެ. މީގެ ކުރިން ފާސް ޗެމްޕިއަންޝިޕް ގައި ހަތް ފަހަރު މި ދެޓީމުން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ހަތަރު މެޗު އެއްވަރުވެފައިވާއިރު، ކޮންމެ ޓީމަކަށް ވެސް ހޯދިފައިވަނީ ދެ މޮޅެވެ.