English Edition
Dhivehi Edition

ފަހަތުން އަރައި 1-3 އިން ދިވެހިރާއްޖެ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލާއި ގާތަށް ބަންގްލަދޭޝް ޓީމުން ޖެހިލައިފިއެވެ.

މެޗުގެ ކުޅުން ފެށިގެން ދެ ޓީމުންވެސް ކުޅެމުން ގެންދިޔައީ ވަރަށް ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ބަންގްލަދޭޝް އިންނެވެ. ބަންގްލަދޭޝްގެ ޖަމާލް ބުޔާން ނަގައިދިން ކޯނަރުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެމްޑީ ސޮހެލް ރަނާ ބޮލުން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައެވެ.

ބަންގްލަދޭޝް ގެ މި ހަމަލާއަށް ފަހު، މާ ގިނައިރުތަކެއް ނުވެ ރާއްޖެއިން މެޗުގެ ލީޑުނެގިއެވެ. މެޗުގެ 17 ވަނަ މިނެޓުގައި
ރާއްޖެއިން ލަނޑު ޖަހައި ލީޑު ނެގިއިރު، މި ލަނޑު އަލީ ފާސިރު ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު އެވެ.

ރާއްޖެއިން ލީޑު ނެގުމާއި އެކު ބަންގުލަދޭޝް އިން ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާ، އެޓޭކު ކުރުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެގޮތުން ބަންގްލަދޭޝް އިން ލަނޑެއް ޖެހުމާއި ވަރަށް ގާތަށް ޖެހިލިއެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ ތެރެއިން ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޓޮޕޫ ބަރްމަން ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިން މަތިން ދިފާއުކުރީ ރާއްޖޭގެ ހުސައިން ނިހާންއެވެ. އަދި އޭގެ މިނެޓެއް ފަހުން ބަންގުލަދޭޝްގެ އިތުރު ހަމަލާއެއް ފެނިގެންދިޔައެވެ. ޖަމާލް ބުޔާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން އެމްޑީ ފައިސަލް އަހުމަދު ފަހީމް ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށަފައެވެ.

ބަންގްލަދޭޝް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 42 ވަނަ މިނެޓުގައެވެ. ބަންގުލަދޭޝަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރާކިބް ހުސައިންނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޓޮޕޫ ބަރްމަން ބޮލުން ގޯލު ކުރިމައްޗަށް ނަގައިދިން ހުރަސް، ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެ އޮވެގެންނެވެ.

ފަހު ހާފަށް ކުޅެން ނިކުމެ ވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ބަންގްލަދޭޝުންނެވެ. އެގޮތުން ރާއްޖޭގެ ފަހަތަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މެދު ނުކެނޑި މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ލަނޑެއް ޖަހައި ބަންގުލަދޭޝް އިން މެޗުގެ ލީޑު ހޯދިއެވެ. މެޗުގެ 67 ވަނަ މިނެޓުގައި ބަންގުލަދޭޝްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ތާރިގު ރައިހާން ކާޒީއެވެ.

ބަންގްލަދޭޝް އިން އެޓީމުގެ ތިންވަނަ ލަނޑު ޖަހާ އިތުރަށް ލީޑު ފުޅާކުރީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ބިޝްވަނާންތު ގޯޝް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފަ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކޮށްދިނީ ޝެއިޚް މޯސަލިންއެވެ.

މި ނަތީޖާއާއި އެކު ރާއްޖެއަށް ސެމީގެ ފުރުސަތު ހަނިވިއިރު، ގުރޫޕުގެ ފަހު މެޗުގައި ލުބުނާން އާއި އެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއަކުން ރާއްޖެ މޮޅެއް ހޯދަން މިވަނީ މަޖުބޫރުވެފައެވެ.

މި ގުރޫޕުގައި ލުބުނާން އަދި ބޫޓާން ބައްދަލުކުރާމެޗު މިރޭ 7 ޖަހާއިރު ކުޅޭނެއެވެ.