English Edition
Dhivehi Edition

އަވަށްޓެރި އިންޑިއާގައި މިހާރު ފެށިގެން ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް 2023 ގެ ގުރޫޕް ބީ ގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސަރަހައްދީ ފުޓްބޯޅައިގައި އެންމެ ވާދަވެރި، ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއެވެ.
މި މެޗަށް މި ދެޓީމުން ނިކުންނައިރު، މިއީ މިފަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މި ދެޓީމުން ވެސް ކުޅޭ ދެވަނަ މެޗުކަން ފާހަގަކޮށްލަން ޖެހެއެވެ.
ދެ ޓީމުންވެސް މިހާތަނަށް އެއް މެޗު ކުޅެފައިވާއިރު، ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާނާއި ވާދަކޮށް 0-2 އިން ވަނީ މޮޅުވެފައެވެ. އަދި ބަންގްލަދޭޝް އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ލުބުނާނު އަތުން 0-2 ގެ ނަތީޖާއިން ވީ ބައްޔެވެ.
އެއް މޮޅު ހޯދާ ތިން ޕޮއިންޓާއި އެކު މިއަދުގެ މެޗަށް ރާއްޖެއިން ނުކުންނައިރު، މި މެޗުގެ ޕްރެޝަރު އޮތީ ބަންގްލަދޭޝް އަށެވެ. އެހެނީ ސެމީގެ ޖާގައެއް ބޭނުންނަމަ ބަންގްލަދޭޝް އަށް އޮތީ މި މެޗުން ސީދާ މޮޅެއް ހޯދުމެވެ. އަދި ކުރިޔަށް އޮތް ބޫޓާން މެޗުން ވެސް ކާމިޔާބު ކުރުމެވެ. ކުރިޔަށް އޮތް ދެމެޗުވެސް ކާމިޔާބު ކޮށްގެން ނޫން ގޮތަކަށް ބަންގްލަދޭޝް އަށް މުބާރާތުގައި ކުރިޔަށް ދެވޭކަށް ނެތެވެ.
ބަންގްލަދޭޝް މެޗަށް ރާއްޖެ ނުކުންނައިރު، މި މެޗުން ރާއްޖެއިން މޮޅެއް ހޯދައިފި ނަމަ ސެމީގެ ޖާގައެއް އެޓީމަށް ގާތްގަނޑަކަށް ކަށަވަރުވީއެވެ. އަދި ބަންގްލަދޭޝް ބަލިވެއްޖެ ނަމަ އެޓީމަށް ސެމީގެ ދޮރު ގާތްގަނަޑަކަށް އެއްކޮށްކަހަލަ ގޮތަކަށް ބަންދުވީއެވެ.
ދެ ޓީމަށްވެސް މުބާރާތުގައި އިތުރަށް ދެމި އޮތުމަށް މުހިންމު މެޗަކަށް މިއަދު ނުކުންނައިރު، މިއަދުގެ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ކޯޗު ހާވިއާ ކަބްރޭރާ ބުނީ ލުބުނާންގެ މެޗު ވެސް އޭނާގެ ޓީމުން ފެށީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން ލުބުނާން އަތުން ބަލިވީ ކަމަށެވެ.
އަދި އޭނާގެ ޓީމުން އެމެޗުގައި ކުޅުނީ ހަމަ އެކަނި ބައިކޮޅަށް ވަންނަ ލަނޑު މަދުކުރުމަށް ނޫންކަމަށާއި ޓީމުން ކުޅުނީ ރަނގަޅު އެޓޭކްތަކެއް ވެސް ކޮށް، ލަނޑުވެސް ޖަހައިގެން މޮޅުވުމުގެ އަޒުމުގައި ކަމަށް ހާވިއާ ބުންޏެވެ.
މިއަދުގެ މެޗަށް އޮތް ހައްލަކީ ލުބުނާނު މެޗުގައި ހެދުނު ގޯސްތައް ތަކުރާރު ނުކޮށް އެކަމުން ފިލާވަޅު ލިބިގަނެގެން ރަނގަޅު ކުޅުމެއް ދައްކާ މޮޅުވުން ކަމަށް ހާވިއާ ބުންޏެވެ. މުބާރާތުގެ ފުރަތަމަ މެޗުން ބަލިވިނަމަވެސް އަދި މުބާރާތުގައި ކުރިޔަށް ދެވެން އޮތުމުން މިއަދު ރާއްޖެއާއި ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާ މޮޅު ވެވޭނޭ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.
ބަންގުލަދޭޝްގެ ސާފް ޗެމްޕިއަންޝިޕްގެ ތާރީހަށް ބަލައިލާ އިރު، ޕާކިސްތާނުގައި 1993 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތް ފިޔަވައި ހުރިހާ މުބާރާތެއްގައި އެޓީމުން ވާދަކުރިއެވެ. ބަންގުލަދޭޝްގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް އެޓީމުން ނިންމާލީ މުބާރާތުގެ ތިންވަނަ ހޯދައިގެންނެވެ. ސްރީ ލަންކާގައި 1995 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ސެމީ ފައިނަލުގައި ބަންގުލަދޭޝް ބަލިވީ ޕެނަލްޓީ ޖަހައިގެން އިންޑިއާ އަތުންނެވެ.

ބަންގުލަދޭޝް އިން ވަނީ އިންޑިއާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 1999 ގެ ރަނަރަޕްކަން ވެސް ހޯދައިފައެވެ. ޖެހިގެން އައި ސާފް ޗެމްޕިއަންޝިޕް، އަމިއްލަ ގައުމުގައި 2003 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިރު، ޕާކިސްތާނުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2005 ގައި ބަންގުލަދޭޝް އިން ރަނަރަޕްކަން ހޯދިއެވެ. ސާފް ޗެމްޕިއަންޝިޕް 2003 ގެ ޗެމްޕިއަންކަން ބަންގުލަދޭޝް އިން ހޯދީ ރާއްޖެ ބަލިކޮށްގެންނެވެ.

ރާއްޖެ އަކީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު ގައުމެވެ. މި މުބާރާތް ދެފަހަރު ހޯދާފައިވާ ރާއްޖެ ފުރަތަމަ ސާފް މުބާރާތެއްގައި ވާދަކުރީ ނޭޕާލުގައި 1997 ވަނަ އަހަރު ބޭއްވުނު މުބާރާތުގައެވެ. އެ މުބާރާތުގައި އެއްކޮޅުން ފައިނަލް ކުޅުނެވެ. އަދި ޖެހިގެން އައި 1999 ވަނަ އަހަރު އިންޑިއާގައި ބޭއްވުނު މުބާރާތުގެ ސެމީގައި ވާދަކުރިއިރު، 2003 ވަނަ އަހަރު ބަންގްލަދޭޝް ގައި ބޭއްވުނު މުބާރާތުގެ ފައިނަލުގައި އެއްކޮޅުން ކުޅުނެވެ. އަދި ޕާކިސްތާނުގައި 2005 ވަނަ އަހަރު ބޭއްވުނު މުބާރާތުގައިވެސް ސެމީގައި ކުޅުނު އިރު، 2008 ވަނަ އަހަރު، ރާއްޖެއާއި ލަންކާގައި ބޭއްވުނު މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ. އަދި 2009 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވުނު މުބާރާތުގައިވެސް އެއްކޮޅުން ފައިނަލުގައި ކުޅުނުއިރު، 2011، 2013، 2015 އާއި ހަމައަށް ބޭއްވުނު ހުރިހާ މުބާރާތެއްގައިވެސް ރާއްޖެ ސެމީގައި ވާދަކޮށްފައިވެއެވެ. ރާއްޖޭން މި މުބާރާތުގެ ތަށި ދެވަނަ ފަހަރަށް އުފުލާލީ 2018 ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވުނު މުބާރާތުގައެވެ. އެންމެ ފަހުން އަމިއްލަ ގައުމުގައި ބޭއްވުނު މުބާރާތުން ރާއްޖެއަށް ގުރޫޕް ސްޓޭޖު ފަހަނައަޅާ ދެވޭގޮތް ވަނީ ނުވެފައެވެ.
ރާއްޖެ އަދި ބަންގްލަދޭޝް ގެ ތާރީޚީ ކުރިމަތިލުންތައް
ރާއްޖެ އަދި ބަންގްލަދޭޝް މީގެ ކުރިން ސަރަހައްދީ އެކި މުބާރާތްތަކުގައި ޖުމުލަ 13 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އެއީ އެކުވެރިކަމުގެ ދެ މެޗާއި، 2000 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ގޯލްޑެން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ މެޗަކާއި، ސައުތް އޭސިއަން ގޭމްސްގެ ހަތަރު މެޗެއްގެ އިތުރުން ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ހަތް މެޗެއްގައެވެ. ޖުމްލަކޮށް ބަލާއިރު، މި 13 މެޗުގެ ތެރެއިން ކޮންމެ ޓީމަކަށް ވެސް ކާމިޔާބު ކުރެވިގައި ވަނީ ހަ މެޗެވެ. ތިން މެޗު ވަނީ އެއްވަރުވެފައެވެ.
ސާފް މުބާރާތުގައި މި ދެޓީމުން ވާދަކުރި މެޗުތަކަށް ބަލާއިރު، ކުރި ލިބެނީ ރާއްޖެއަށެވެ. އެއީ މި މުބާރާތުގައި މިހާތަނަށް ވާދަކުރި ހަތް މެޗުގެ ތެރެއިން ރާއްޖެ ތިން މެޗުން މޮޅުވެފައިވާއިރު، ބަންގްލަދޭޝް އަށް މޮޅުވެފައިވަނީ ދެ މެޗުންނެވެ. އަނެއް ދެ މެޗު ވަނީ އެއްވަރުވެފައެވެ.

މިއަދު ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މި މެޗު ފަށާނީ މެންދުރު ފަހު 3:00 ގައެވެ.