އަމިއްލަ ނަފްސުތައް ފާފައިން އިސްރާފުކޮށްފައިވާ މީހުން މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާނުލާށެވެ. މާތްﷲ ގެ އަޅުތަކުންގެ މައްޗަށް އެކަލާނގެ އޯގާވެވޮޑިގަންނަވާ މިންވަރާއި ތައުބާގެ ދޮރުތައް ހުޅުވިފައިވާ މިންވަރުގެ ބޮޑުކަމާއެވެ.
މާތްﷲ ގެ ރަޙުމަތްފުޅު އެކަލާނގެ އަޅުތަކުންނަށް މި ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް ތަނަވަސްވެގެންވެއެވެ.
ދަންނާށެވެ.! މާތްﷲ ގެ ރަޙުމަތްފުޅު އާންމުވެގެން ނުވާނަމަ، މި ދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެއެވެ. ބޯނޭ ފެންފޮދެއް ވެސް އަދި އެއްވެސް މީހަކަށް ޝިފާއެއްވެސް ނުލިބޭނެ ކަން ކަށަވަރެވެ.
ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަމަވެސް މާތްﷲ ގެ ރަޙުމަތުން އުންމީދު ކަނޑާލާ މާޔޫސްނުވުމަށް އިލްތިމާސްކުރަމެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައިވީ ނަމަވެސް އިޙްލާސްތެރިކަމާއެކު ތައުބާވެ ހެޔޮ އަމަލު ކުރުމުން މާތްﷲ އެކަލާނގެ އަޅުތަކުންގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވާނެކަން އަންގަވާފައިވެއެވެ.
މާތްﷲ ގެ ރަޙުމަތްފުޅު ތަނަވަސްވެގެންވާ މިންވަރު ނިކަން ވިސްނާލާށެވެ. މީހަކު ނުބައި އަމަލެއް ކޮށްފިނަމަ އެމީހަކަށް ޖަޒާ ދެއްވަނީ އެމީހަކު އެ ކުރި އަމަލަކާ އެއްވަރަށެވެ. ހެޔޮ އަމަލެއް ކޮށްފިނަމަ އެ އަމަލެއްގެ ޖަޒާ ދިހަ ގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވައެވެ. މާތް ﷲ ގެ އޯޤާވަންތަކަމުގެ ބޮޑުކަމާއެވެ.
މީގެ އިތުރުން މީސްތަކުންނަށް ރަޙުމްކުރާ މީހުންނަށް މާތްﷲ ގެ ތަނަވަސް ރަޙުމަތްފުޅު ދުނިޔެ އާއި އާހިރަތުގައި ލިބޭނެ ކަމަށް އެކަލާނގެ އަންގަވާފައިވެއެވެ. އަދި މީސްތަކުން ބިމުގައިވާ މީހުންނަށް ރަޙުމް ކުރުމުން މަލާއިކަތުން އެމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުޢާ ކުރައްވާނެ ކަމަށް ޙަދީޘް ކުރައްވާފައިވެއެވެ.
މުސްލިމުންނަކީ ބަލިމަޑުކަމާއި މުސީބާތުގައި ވަގުތުގައި އެކަކު އަނެކަކަށް އަޅާލައި އެހީތެރިވާ ބަޔަކު ކަމުގައިވާންޖެހެއެވެ. ކުރިމަތިވެފައިވާ މުސީބާތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާ ކުރުންމަތީ ދެމިތިބެން ޖެހެއެވެ.