ދިވެހި ދައުލަތަށް 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މާފަންނު ދޫރެސް ޢަބްދުﷲ ޖަމީލް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވާފައިވާ ދަފްތަރު ހުޅުވާފައި އޮންނަ މުއްދަތު އިތުރުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ ތަޢުޒިޔާގެ ދަފުތަރު ހުޅުވާފައި އޮންނާނީ މި ހިނގާ ޖޫން މަހުގެ 19 ވާ ހޯމަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށް ކަމަށެވެ.
ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން، ދަފްތަރުގައި ސޮއިކުރެއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.
އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން އަބްދުﷲ ޖަމީލް އަވަހާރަވީ މި މަހުގެ 11ގައެވެ.
ހަ މިނިސްޓްރީއެއްގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ޖަމީލް ވަނީ ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކުރައްވައިފައެވެ. އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތ. އަތޮޅުގެ މެންބަރުކަން 14 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވިއިރު، ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އާއި އެޓޮލްސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އެންޑް ހައުސިން މިނިސްޓަރުކަން ވެސް ވަނީ އަދާ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް އޮފީހުގެ އެކި މަގާމުތަކާއި ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމާއި މާފަންނު އަވަށު އޮފީހުގެ ވެރިޔާކަން ވެސް ވަނީ ކުރައްވާފައެވެ.
އަބްދުﷲ ޖަމީލް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ޖޫން 12 ވީ ހޯމަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން ޖޫން 15 ވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު، 1:00 އާއި ހަމައަށް، ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.
އަބްދުﷲ ޖަމީލަށް 2008 ވަނަ އަހަރު ދައުލަތުން ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ.