English Edition
Dhivehi Edition

ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް އުރީދޫ މަސްރޭސް 2023 އިއުލާނުކޮށްފިއެވެ.

މިއަހަރުގެ މަސްރޭސް، އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓް މަހުއެވެ.

މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މި އަހަރުގެ މަސްރޭސް މާލެ، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭގޮތަށް ރާއްޖޭގެ ހަތަރު ސިޓީއެއްގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ފެށުނީއްސުރެވެސް އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

މަސްދޯންޏެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުރީދޫ މޯލްޑިވްސް އިން ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާ ގުޅިގެން އުރީދޫ މަސްރޭސް 2023 އިއުލާނުކޮށް އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މަސްރޭސް 2023 އިންތިޒާމް ކުރުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރާއި ގުޅިގެން މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރާއްޖޭގައި ޚިދުމަތް ފޯރުކޮށްދިނުމުގައި 18 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނައިރު، އުރީދޫ މަސްރޭހުގެ ފޯރިއާއި އުފާވެރިކަމުގައި އިތުރު ބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީއަށް ވެސް މި މުބާރާތް ފުޅާކުރެވިފައިވާ ކަމަށެވެ.

“މުޖުތަމައުތަކުގެ ކުރިއެރުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މަސްވެރިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެންނާ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް ދައުވަތު އަރުވަން.” ޚާލިދު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިކަމުގެ ތަރިކަ ފާހަގަކުރާ މުހިންމު ހަރަކާތެއް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ޕާޓްނަރަކަށް ވުމީއެ މިނިސްޓްރީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަމާޒަކީ، ރާއްޖޭގެ އާދަކާދަތައް ދަމަހައްޓަން މުޖުތަމަޢުތައް ބާރުވެރިކުރުވައި، އަންނަން އޮތް ޖީލުތަކަށް ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

މީގެ އިތުރުން މަސްރޭހަކީ މުބާރާތެއްގެ އިތުރުން މުޖުތަމަޢުތަކުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ދައްކުވައިދޭ، މަސްވެރިކަމުގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

“މަސްރޭސް އިންތިޒާމުކޮށް، އަޅުގަނޑުމެންގެ ސަގާފީ ތަރިކަ ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުން ގެންދާ މަސައްކަތަށް މި ފުރުސަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.” މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޓީގެ އެކި ކަންކޮޅުތަކުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 1 ދުވަހުގެ ނިޔަލަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ޓީމް ރަޖިސްޓްރީ ކުރެވޭނެއެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާއިރު، ޓީމުގެ ބައިވެރިންނަށް 150 ރުފިޔާއަށް މަސްރޭސް ކިޓް މޫލީ މެދުވެރިކޮށް ގަނެވޭނެއެވެ. މަސްރޭސް ކިޓުގައި ހިމެނޭނީ މަސްރޭސް ކޯރީ އާއި ޓީޝާޓެވެ. ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 12 މެމްބަރުން ތިބެންވާނެއެވެ.

މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގައި 4 އޮގަސްޓް، ކުޅުދުއްފުށި ސިޓީގައި 11 އޮގަސްޓް، އައްޑޫ ސިޓގައި 18 އޮގަސްޓް އަދި ފުވައްމުލައް ސިޓީގައި 25 އޮގަސްޓުގައެވެ.

އުރީދޫ މަސްރޭސް 2023 ގައި ކޮންމެ ސިޓީއަކުން ވެސް އެންމެ މަދުވެގެން 12 ޓީމު ބައިވެރިވާ ގިނަވެގެން 30 ޓީމު ވާދަކުރާނެއެވެ. 30 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރ ވެފައިވާނަމަ ބައިވެރިވާ ޓީމުތައް ހޮވުމަށް ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ލިބޭނެއެވެ.

ޖުމްލަ 75،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ އެވެ.

މީގެ އިތުރުން އެންމެ މޮޅު މަސްވެރިޔާއަށް 1000 ރުފިޔާ އަދި އެންމެ މޮޅު ފިޝަރވުމަން އަށް 1000 ރުފިޔާ ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫ މަސްރޭހުގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ.

އުރީދޫ މަސްރޭސް 2023 ގައި ރަޖިސްޓްރީވުމަށް، ޒިޔާރަތްކުރުން: http://ore.do/masrace