English Edition
Dhivehi Edition

މިއަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ދަފްތަރުގައި އަލަށް ރެޖިސްތްރީވުމަށް ހުޅުވާލާފައިވާ ކަމަށާއި އެ ފުރުސަތު މި ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި ރެޖިސްޓްރީވުމަށް ހުޅުވާލައްވާފައިވަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އިން ފަގީރުންގެ ގޮތުގައި ރަޖިސްޓަރީ ވުމަށް ކަމަށެވެ.

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު މިނިސްޓްރީއަށް ފޯމު ހުށަހެޅޭނެ ކަމަށާއި ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލިނަމަވެސް މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނެތް މީހުންނަކީ މި ވަގުތު ވެސް ފަގީރުންގެ ދަފްތަރުގައި ތިބި މީހުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެމީހުން އަލުން ރަޖިސްޓަރީވާން ނުޖެހޭނެ ކަމަށާއި އެކަމަކު އެ އާއިލާތަކުގައި ވެސް މި މަހުގެ 22 އަށް 18 އަހަރު ފުރޭ ކުއްޖަކު ހުރިނަމަ ނުވަތަ 65 އަހަރު ފުރޭ މީހަކު ހުރި ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ ފަޤީރުންގެ ލިސްޓުގައި 8446 މީހުން ތިބިއިރު، މީގެ ތެރެއިން، 1736 މީހުންނަކީ މާލެ ސަރަހައްދުން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ.