ރައީސް ޔާމީންގެ ތަރައްގީއަކީ ސިޔާސީ އަވާމެންދުރެއް ކަމަށް އަދާލަތު ޕާޓީގެ ޚާރިޖީ ކަންކަމާ ބެހޭ ކޮމިޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތިނަދޫގައި ބޭއްވި ޖަލްސާގައި ޝިދާތާ ވިދާޅުވީ ރައީސް ޔާމީންގެ ތަރައްގީއާއި ފްލެޓުގެ ވާހަކަ ވެފައިވަނީ ސިޔާސީ ބޮޑު އަވާމެންދުރަކަށް ކަމަށާއި އެއަވާމެންދުރު ބަލަން މިއަދު ރައްޔިތުން ބޭނުންނުވާ ކަމަށެވެ. މީގެ އިތުރުން ޝިދާތާ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް އެތައް ވައުދުތަކެއް ވެފައިވާއިރު ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގެދޮރުވެރިކުރުމުގެ ވާހަކަ ވަރަށް އަޑުހަރުކޮށް ދައްކަމުންދާ ކަމަށާއި ނަމަވެސް އެހެން ސަރުކާރަކުން ބިންގާ އަޅައިގެން ހެދި ފްލެޓުތައް އޭގެ ހައްގުވެރިންނާ ހަމައަށް ހަތަރު އަހަރުވީއިރުވެސް ފޯރުކޮށްދެވިފައި ނުވާކަމަށެވެ
ރައީސް ޔަމިންގެ ސިޔާސަތުތަކައް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝިދާތާ ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ރާއްޖޭގައި ގާއިމުކުރުމަށްފަހު ކަމަށެވެ. އަދި ޕާޓީއަށް ދޭންވާ ފައިސާ ނުދީ ހިފަހައްޓައިގެން ޕާޓީއަށް ފިއްތުންތައް ކުރިމަތިކުރުމުން ދިޔަ ނަމަވެސް ރައީސް ޔާމީން ބަލިކުރުމުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ. މީގެ އިތުރުން ޝިދާތާ ވިދާޅުވީ 2018 އަކީ ރާއްޖެއަށް ވަރަށް މުހިންމު އަހަރެއް ކަމަށާއި ރައީސް ޔާމީން އިތުރު ދައުރަކަށް ކުރިމަތިލައްވަން ބައްލަވާއިރު މިއީ ވަރަށް ނުރައްކާތެރި ފައްތަރެއް ކަމަށެވެ